އެމޭޒަން ޖަންގަލީގައި ހަ ހަފުތާއަށް ވުރެ ގިނަ ދުވަސް ހޭދަ ކުރުމަށް ފަހު ސަލާމަތްވި ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަގެ އެންމެ ފަހު ދުވަސްތަކުގެ މައުލޫމާތު ލިބެން ފަށައިފި އެވެ.
ދަތުރު ކުރި ބޯޓު އެމޭޒަން ޖަންގައްޔަށް ވެއްޓުމަށް ފަހު ވެސް އެކުދިންގެ މަންމަ ގާތްގަނޑަކަށް ހަތަރު ދުވަހު ދިރި އޮތް ކަމަށްވެ އެވެ. ބޯޓު ވެއްޓުނު ވަގުތު ހަތަރު ކުދިންނާއި އެކުދިންގެ މަންމަ ވަގުތުން މަރުނުވި ނަމަވެސް މަންމައަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އެ އަނިޔާތަކުގައި މަރުވުމުގެ ކުރިން އަންހެން މީހާ ކުދިންނަށް ދިން ނަސޭހަތަކީ މަންމައާ ދުރަށް ދިއުމަށެވެ. އޭރުން ފަހަރެއްގައި ސަލާމަތްވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.
ކޮލޮމްބިއާގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވި ފަހުން ފެނުނު ކުދިންގެ ފަރާތުން ލިބޭ މައުލޫމާތާ ހަވާލާދީ އެކުދިންގެ ބައްޕަ މެނިއުއަލް ރެނޯކް ވަނީ އޭނާގެ އަންހެނުން މެގްޑަލީނާ އާ ބެހޭގޮތުން އާދީއްތަ ދުވަހު ނޫސް ވެރިންނާ ވާހަކަ ދައްކާފަ އެވެ.
"އަހަރެންގެ އަންހެން ދަރިފުޅު ބުނި ގޮތުގައި އެ މީހުންގެ މަންމަ ބޯޓު ވެއްޓުމަށް ފަހު ހަތަރު ދުވަސް ވަންދެން މަރު ނުވެ އޮތް،" މެނިއުއަލް ނޫސް ވެރިންގެ ގާތުގައި ބުންޏެވެ. "އޭނާ މަރުވުމުގެ ކުރިން ބުނި ކަމަށް ވަނީ ތިކުދިން ރަގަޅުވާނީ މިތަނުން ދުރަށް ދިޔައިއްޔާ އޭ. ފަހަރެއްގައި ތިކުދިންނަށް ތިކުދިންގެ ބައްޕަ ކަހަލަ މީހަކާ ދިމާވުން ގާތޭ. އެމީހާގެ ފަރާތުން ތި ކުދިންނަށް އަހަރެން މިދިން މިންވަރަށް ލޯބި ލިބޭ ގޮތް ވެދާނެއޭ،" ކުދިންނާ ހަވާލާދީ އަންހެން މީހާ ބުނި ކަމަށް ކުދިންގެ ބައްޕަ ބުންޏެވެ.
އުމުރުން 13 އަހަރާ 9 އަހަރާ 4 އަހަރާ 11 މަހުގެ ހަތަރުކުދިންނާއި އެކުދިންގެ މަނަމް މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު މަތިންދާބޯޓުގައި ދިޔައީ ކޮލޮމްބިއާގެ އެމެޒަން ޖަންގަލީގެ އަވަށެއް ކަމަށްވާ އަރަރަކުއާރާއިން ސެން ހޯސޭ ޑެލް ގުއަވިއާރާއަށް ދިއުމަށެވެ. ބޯޓު ޖަންގަލީގެ ތެރެއަށް ވެއްޓުމުގެ ކުރިން ޕައިލޮޓް ވަނީ އިންޖީން ހުއްޓުނުކަން އަންގާފަ އެވެ.
އެމޭޒަންގެ އެންމެ ބިޔަ ޖަންގަލި ތެރެއަށް ވެއްޓުނު ބޯޓު ހޯދުމުގެ މަސްއަކަތް ކަމާ ބެހޭ ފަރާތްތަކުން ވަގުތުން ފެށިކަމުގައި ވިޔަސް ބޯޓު ހޯދަން ގިނަ ދުވަސްތަކެއް ނެގި އެވެ. ބޯޓު ފެނުނުއިރު އެއިން ގެއްލުނު ހަތަރު ކުދިން ފިޔަވައި ދަތުރު ކުރި ތިން މީހުން ވެސް ވަނީ މަރުވެފަ އެވެ.
ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ކުއްތާގެ އެހީގައި ކޮލޮމްބިއާގެ މިލިޓަރީން ކުރަމުން އައިއިރު ސިފައިންނަށް އައީ ކުދިންގެ ހަރަކާތްތައް ފާހަގަވަމުންނެވެ. ބޭނުން ކޮށްފައި އޮތް ނެޕީއަކާއި އިންސާނަކު ކާން އުޅެފައި އޮތްކަން ދޭހަވާ ފަދަ މޭވާއެއް ފެނުމުން ކުދިން ޖަންގަލި ތެރޭގައި އުޅޭ ކަމުގެ އުންމީދު ސިފައިންނަށް އާވި އެވެ.
ކޮލޮމްބިއާގެ އެމެޒަން ޖަންގައްޔަށް ނިސްބަތްވާ ހުއިޓޯޓޯ އިންޑިޖިނަސް ކޮމިއުނިޓީގެ ހަތަރު ކުދިން ހޯދުމަށް މަސައްކަތް ކުރާތާ 40 ދުވަސް ފަހުން ފެނުނީ މިލިޓަރީ ކުއްތާ އަކަށެވެ. އެކުދިން ފެނުނު ހިސާބަކީ ޖަންގަލީގެ ނުރައްކާތެރި ޖަނަވާރުތަކާއި ހަރުފަތައް ގިނައިން އުޅޭ ހިސާބެކެވެ.
އެ ކުދިންގެ ބޮޑު ބޭބެއެއް ކަމަށްވާ ފިޑެންސިއޯ ވެލެންސިއާ މީޑިއާތަކަށް ބުނި ގޮތުގައި 40 ދުވަސް ވަންދެން އެކުދިން ދިރިތިބުމަށްޓަކައި ބޭނުން ކުރީ ބޯޓުން އެކުދިން ގެންދިޔަ އަލަ ފުށްކޮޅެކެވެ. އެ އަލަ ފުށްކޮޅު ހުސްވުމުން އެކުދިންގެ ކިބައިގައި ހުރި ޖަންގަލީގެ މޭވާތަކާއި ނަޓްސްގެ މައުލޫމާތުގެ ސަބަބުން ކާން ބޭނުންވާނެ ބާވަތްތައް ޖަންގަލި ތެރެއިން އެކުދިން ހޯދި އެވެ. ހަމަ އެފަދައިން ނިދާ ހެދުމަށްޓަކައި ބިޔަ ގަސްގަހުގެ ބުޑު ދަށުން އެކުދިން ވަނީ ހިމާޔަތް ހޯދައިފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދުވަސްވަރަކީ ޖަންގަލީގައި މޭވާތައް ފައްކާވާ މޫސުން ކަމަށްވުމީ އެކުދިންގެ ނަސީބެވެ.
"އެމީހުން އެމީހުންގެ ވާހަކަ ކިޔާ ދޭނެ. އެ ކިޔާ ދޭ ވަރަކަށް އަހަރެމެން އެ ވާހަކަ ގެނެސްދޭނަން،" ކުދިން އެޑްމިޓްކޮށްފައިވާ މިލިޓްރީ ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށްފަހު ކުދިންގެ ބައްޕަ ބުންޏެވެ.
ކުދިންގެ ބޮޑު ދައިތައެއް ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކުދިންގެ ހާލު އެހާ ރަނގަޅެއް ނޫނެވެ. އެކަމަކު އެކުދިންނަށް އަންނަނީ ވަރަށް ރަނގަޅު ފަރުވާ ލިބެމުންނެވެ.
މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހު ވެއްޓުނު ބޯޓު ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ބޯޓު ފެނިފައި ވަނީ އެމަހު 16 ވަނަ ދުވަހު އެވެ. އޭރު ބޯޓުން ދަތުރުކުރި ބޮޑު ތިން މީހުން ވަނީ މަރުވެ ފައެވެ. އެތަނުން ފެނުނު ބައެއް ކަންތައްތަކަށް ބަލައި ކުދިން ދިރި ތިބިކަމަށް ލަފާކޮށް ހޯދުމުގެ މަސައްކަތް ސިފައިން ފަށައި، 40 ދުވަސް ފަހުން ކުދިން ފެނުނީ ބޯޓު ވެއްޓުނު ހިސާބާ ގާތްގަނޑަކަށް 3 މޭލު ދުރުންނެވެ.