މާތްވެގެންވާ މައްކާގެ ބިމަށް ހައްޖަށް ދިއުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވެސް ހުވަފެނެކެވެ. އެހެން ނަމަވެސް އެކަމަށް ހޭދަވާ ބޮޑު ހަރަދާއެކު މިކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.
އެއާއެކު ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ތިބި މުސްލިމުން ވެސް އެބަތިއްބެވެ.
އޭގެ ތެރެއިން އެކަކަކީ އިންޑިއާގެ ކެރަލާ ސްޓޭޓަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ ޝިހާބް ޗަތުރް އެވެ. ޝިހާބް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިންޑިއާއިން ސައޫދީ އަރަބިއާއަށް ފައިމަގުގައި ދަތުރުކޮށްފަ އެވެ.
ޝިހާބް އޭނާގެ ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި 8600 ކިލޯމީޓަރަށް ހިނގުމަށްފަހު އޭނާއަށް މައްކާއަށް ވަދެވުނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ކުވެއިތުން ސައުދީ އަރަބިއާގެ ބޯޑަރު ހުރަސް ކުރުމަށްފަހު އޭނާ ފުރަތަމަ ދިޔައީ މަދީނާ އަށެވެ. އޭގެ 21 ދުވަސް ފަހުން ދެން އޭނާ ދޔައީ މައްކާ އަށެވެ.
ޝިހާބުގެ ދަތުރު ނިމިފައވާއިރު އެ ދަތުރުގައި ގިނަ ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޕާކިސްތާނުގެ އިމިގްރޭޝަނުން އޭނާ ހުއްޓުވައި ދިމާވި ކަންކަން އޭނާ ފާހަގަކުރި އެވެ.
ޝިހާބުގެ މި ދަތުރުގެ ވާހަކަތައް އޭނާގެ ޔޫޓިއުބް ޗެނަލުގައި ހިއްސާ ކުރަމުން ދިޔައިރު ގިނަ ބަަޔަކު ވަނީ އޭނާގެ އެ ހިތްވަރަށް ސާބަސް ދީފަ އެވެ.
ހައްޖުގެ އަޅުކަމަށް ޝިހާބު މައްކާއަށް ގޮސްފައިވާއިރު އޭނާ އެ އަޅުކަން ފުރިހަމަ ކުރާނީ ވައިގެ މަގުން އިންޑިއާއިން އަންނަ އޭނާގެ މަންމައާ އެކުގަ އެވެ.