ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ސަރުކަރުން ދޫކޮށްލިކަމަށް ބުނާ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު އެޖެންޑައިން އެމައްސަލަ ނަގައިފި އެވެ.
ޝާހިދުގެ މައްސަލަ އެޖެންޑަ ކޮށްފައިވަނީ މާދަމާ އަށެވެ. އެހެން ނަމަވެސް އެމައްސަލަ މިހާރު ވަނީ އެޖެންޑާއިން ނަގާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މާދަމާގެ ޖަލްސާއަށް ޝާހިދުގެ މައްސަލަ އެޖެންޑާ ކުރަން ނިންމާފައިވީ ނަމަވެސް އެމައްސަލަ އެޖެންޑާ ނުކުރީ ބައެއް ކޮމެޓީތަކަށް މެމްބަރުން ނެގުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާތީ ކަމަށެވެ. ޝަހިދުގެ މައްސަލަ ދެން އެޖެންޑާ ކުރަނީ ކޮމެޓީތަކަށް މެމްބަރުން އެކުލަވާލުވުމުން ކަމަށް މަޖިލީހުން ބުނެ އެވެ.
މީގެ ކުރިންވެސް ޝާހިދު އިތުބަރު ނެތް ކަމުގެ މައްސަލަ މިދިޔަ މަހުގެ 15 ވަނަ ދުވަހުވެސް ވަނީ މަޖިލީހަށް ވައްދާފައިވެއެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ވަނީ އެމައްސަލަ އަނބުރާ ނަގާފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަަލަ އޭރު އަނބުރާ ނެގީ އިތުރަށް ފުރިހަމަ ކުރުމަށެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.
މިނިސްޓަރެއްގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ހުށަހެޅޭނީ 10 މެމްބަރުންގެ ސޮޔާއި އެކު އެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ އިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންނެވެ.