ޗާގޯސް މައްސަލާގައި މާދަމާ އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީން ބައިވެރިނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފައިވީ ނަމަވެސް ޖޭޕީން ވެސް އެ އެއްވުމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވާނެ ކަމަށް އިދިކޮޅު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕުން ބުނެފި އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތުން އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފައެވެ.
ސަރުކާރުން މިމައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއެކުވެ ވަނީ އިދިކޮޅު ކޯލިޝަނާއެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދާފަ އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ މާދަމާ ރޭ ބޮޑު މުޒާހަރާ އެއް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެކަމާ ގުޅޭގޮތުން އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ރާއްޖޭގެ ކަނޑު ވިއްކާލުމާ ދެކޮޅަށް ހަދާފައިވާ އިއްތިހާދުގައި ޖޭޕީގެ ފަރާތުން ވެސް ބައިވެރިވާ ކަމަށެެވެ. އަދި ރަސްމީ ސިފައެއްގައި ޖޭޕީގެ ލީޑަޝިޕުން މަސައްކަތް ނުކުރި ނަމަވެސް އެކަމަށް ޖޭޕީން ވެސް ތާއީދުކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދޅަުވީ އެބޭފުޅުން ޖޮއިންޓް ޕީޖީ އުފައްދައިގެން ކުރާ މަސައްކަތުގައި އަބަދުވެސް ޖޭޕީގެ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމްއެންޕީގެ ނައިބު ރައީސް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ ގާސިމް އެ ގޮތަށް އިލްތިމާސް ކުރެއްވި ނަމަވެސް، އެ ޕާޓީގެ ކައުންސިލް މެމްބަރުން ވެސް ނުރަސްމީ ސިފައެއްގައި އެ އިއްތިހާދާއެކު މަސައްކަތް ކުރާ ކަމަށެވެ.
މީގެ ކުރިން ޖޮއިންޓު ޕީޖީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ އެއްވެސް ބޭފުޅަކު ބައިވެރިއެއް ނުވެ އެވެ.
ގާސިމް ވަނީ ޖޭޕީގެ މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޭޕެއްގައި އެމުޒާހަރާގައި އެޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދިވަޑައިގެން މެސެޖެއް ކުރައްވާފަ އެވެ.
އެ މެސެޖްގައި ގާސިމް ހަނދާން ކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އިދިކޮޅުން ބޭއްވި މޭޑޭގެ މުޒާހަރާ އެވެ. އަދި ގައުމުގެ އަމަންއަމާންކަމާ ސުލްހަ ގާއިމްކުރުމަށް ގާސިމް އެދިލެއްވި އެވެ.
މާދަމާ ރޭ އިދިކޮޅުން ބާއްވާ އެއްވުމުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތްކުރާ ދަ ޑީމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ދެފުއްކެހެރި ވެގެނެއް ނޫޅެވޭނެ އަބަދަކު. މިއޮށް ފަޅާއެރީ މަކަރުވރިޔާ. ދެކޮޅުން ކާން އުޅޭމީހާ ޖޭޕީ ލީޑަރަށް އަބަދު ބޯހަރު ނުކުރެވޭނެ.