މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކުގެ މުވައްޒަފުން އަދި ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔާ ގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބަހުގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.
ބަހުގެ ހިދުމަތް ފެށުމަށް މާލެއަށް ބަސް ގެނެސް "މާލެ ސިޓީގައި މާލޭ ސިޓީ ކައުންސިލުން ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލު"ގެ ނަމުގައި ކަމާ ގުޅޭ އުސޫލު ވެސް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކައުންސިލުން މިފަށާ ބަހުގެ ހިދުމަތުގެ މަގްސަދަކީމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުމަށް ކަމަށެވެ.
މާލެ އަދި ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުންދޭ ބަހުގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. އެގޮތުން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް 24 ގަޑިއިރު ދަތުރު ކުރާނެ އެވެ. އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރު ތަކަކީވެސް 24 ގަޑިއިރުގެ ހިދުމަތެކެވެ. އުސޫލުގައިވާގޮތުން ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ޚިދުމަތް ލިބިގެންދާނެ އެވެ.
ބަހުގެ ހިދުމަތާއި ގުޅޭގޮތުން ކައުންސިލްގެ 104 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު މުއިއްޒު ވިދާޅުވީ މި ހިދުމަތް ތައާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ކުން ވެސް މާލެ އަންނަން ޖެހުމާއިއެކު މިކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ މުވައްޒަފުންނަށްވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ ކަމަށާއި، ޕްރައިވެޓް ހަޔަރގެ ގޮތުގައި ވެސް ޚިދުމަތް ދެވޭގޮތަށް ކައުންސިލުން އުސޫލު ފާސްކޮށްފައިވާ ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި ތަޢާރަފްކުރާ ބަހުގެ ޚިދުމަތް ދެ ގިންތި އަކަށް ބަހާލެވޭނެ އެވެ. އެއީ ފަސިންޖަރުން ދަތުރުކުރާ ބަސްތަކާއި ޚާއްޞަ ދަތުރުތައް ކުރާ ބަސް ތަކެވެ. ބަހުގެ ހިދުމަތަށް ދަތުރުތަކަށް އަގުނެގުން ދެ ގިންތިއަކަށް ބަހާލެވޭނެ އެވެ. އެއީ އޮފީސްތަކުން އެދިގެންކުރާ ދަތުރުތަކަށް ނަގާފައިސާއާއި ހުސްޖާގަ އޮވެގެން އާއްމުންގެ ފަރާތުން އަރާ ފަރާތްތަކުގެ އަތުން ނަގާ އަގެވެ.
ބަހުގެ ހިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންއަތުން ފީނެގުމެއް ނޯންނާނެ އެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ހިފައިގެންނެވެ.
ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް އެ އޮފީހަކުން ދައްކަންޖެހޭ އަދަދަށް އުސޫލުގައިވާ ފަދައިން ފައިސާ ދެއްކުމުން ދަތުރު ކުރެވޭނެ އެވެ.
މި އުސޫލުގެ ދަށުން އެއްވެސް އަގަކާނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކަކީ:
އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ ބޭފުޅުން.
އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.
އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދީން.
މާލެ ސިޓީ ކައުންސިލްގެ ބަހުގެ ހިދުމަތާއި ގުޅޭގޮތުން އާންމު ކޮށްފައިވާ އުސޫލަށް ބަދަލުގެނެވޭނީ ނުވަތަ އުސޫލު އުވައިލެވޭނީ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހަޅައި ޖަލްސާގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.