ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށާ އެމައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒަހަރާގައި ޖުމްހޫރީޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް އެދިވަޑައިގެންފި އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތުން އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފައެވެ.ސަރުކާރުން މިމައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީޕާޓީ އާއި މޯލްޑީވްސް ނޭޝަނަލް ޕާޓީ އެކުވެ ވަނީ އިދިކޮޅު ކޯލިޝަނާއި އެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދާފަ އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާ އެއް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ގާސިމް މިއަދު ވަނީ ޖޭޕީގެ މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޭޕެއްގައި އެމުޒާހަރާގައި އެޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމާށް އެދިވަޑައިގެން މެސެޖެއް ކުރައްވާފައެވެ.
އެމެސެޖުގައި ގާސިމް ހަނދާން ކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އިދިކޮޅުން ބޭއްވި މޭޑޭގެ މުޒާހަރާ އެވެ.
ގައުމުގެ އަމަންއަމާންކަމާ ސުލްހަ ގާއިމް ކުރުމަށް ގާސިމް އެދިލެއްވި އެވެ.
ޖޫން ދޭއް ގައި އިދިކޮޅުން ބާއްވާ މުޒަހަރަގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުމަށް ގާސިމް އެދިލެއްވި އިރު ޖޭޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީވަނީ އިދިކޮޅު ކޯލިޝަނާއިއެކު އެމައްސަލާގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
ޖޭޕީގެ ފަރަތުން އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ބ.ކެންދޫ ދާއިރަގެ މެމްބަރު އަލީ ހުސައިންނެވެ.
ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމާފައި ވަނީ ރާއްޖެއިން އެދުނު ގޮތަށެވެ.
އެމައްސަލާގައި އިޓްލޮސް އިން މައްސަލަ ނިންމާފައި ވަނީ ސަރުކަރުން ބޭނުންވާ ގޮތަށް ނަމަވެސް އެނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ހިނގައްޖެ ކަމަށް އިދިކޮޅު ފަރަތްތަކުން އަންނަނީ ބުނަމުންނެވެ.