ކޮރަޕްޝަންގެ އަމަލެއް އޭނާ ހިންގި ކަމަށް ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްދަވަނީ އިތުރުފުޅެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުކަމުން އެކަހެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މިއަދު ރަސްމީކޮށް އެދިވަޑައިގަތުމާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އޭނާ މަގާމުން ދުރުވާންޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި މަގާމުން ދުރުވާންޖެހޭ ނަމަ އެކަން އަންގަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު ފައްޔާޒު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރައްވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ނަޝީދު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ބޭނުންވާ ވަރަށް ސޮއި ހަމަނުވުމުން ދެން ވަނީ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ފައްޔާޒަށް އަންގަވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީ ތެރެ ބައިބައިވެ ދެ ފެކްޝަން ވަނީ އުފެދިފައެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު އުޅުއްވަނީ ރައީސް ސޯލިހްގެ ސަރުކާރަށް ޖެއްސުން ކުރެއްވުމަށެވެ. އޭގެ ބޭނުމަކީ 2023 ގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށްޓަކައި ޕާޓީގެ ތެރޭގައި ނަޝީދަށް އޮތް ތާއީދު ދަށްވިޔަ ނުދީ ހިފެހެއްޓުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ ފައްޔާޒު މަގާމުން އެކަހެރި ކުރަން ބޭނުން ވަނީ ޕާޓީއަށްޓަކައި ކަމަށެވެ. އަދި އެއީ ޒާތީ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ޕާޓީއަށްޓަކައި އެކަން ކުރަންޖެހޭ ސަބަބެއް ރައީސް ނަޝީދަށް ވިދާޅެއް ނުދެވެ އެވެ.