ހުޅުމާލޭގައި ހުންނަ އެންމެ ޒާމާނީ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ހަދަން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިން ހިމެނޭ ގްރޫޕަކުން ހިންގާ އެ ހޮސްޕިޓަލުގައި އަލަށް ތައާރަފުކުރި އެ ހިދުމަތް ފައްޓަވައިދެއްވީ، އެ ހޮސްޕިޓަލްގައި ބޭއްވި މިއަދު ހެނދުނު ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަދި ކޮންމެ ދެމަފިރިއަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްސަ ކްލިނިކެއް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ރާއްޖޭގައި ހުޅުވުމަކީ، އެ ފަރުވާއަށް ބޭނުންވެފައި ތިބި ކޮންމެ ދެމަފިރިއަކަށް، އެ ހޮސްޕިޓަލުގެ ފަރާތުން ފޯރުވައިދިން ވަރަށްބޮޑު ހަދިޔާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަލަށް ޒަވާޖީ ޙަޔާތެއް ފެށްޓުމަށް ތައްޔާރަށް ތިބި ޒުވާނުންނަށް ދިން ވަރަށް ބޮޑު އުންމީދެއް. އެހެންކަމުން، މިފަދަ މުހިންމު ޚިދުމަތެއް ރާއްޖޭގައި ފެށްޓެވި ކަމަށްޓަކައި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މެނޭޖްމަންޓަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް، އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް މި ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބާއި ކުރިއެރުމަށް އެދެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ، ކުރިން ރާއްޖޭގައި ނެތް ސިއްހީ ބައެއް ޚިދުމަތްތައް ރާއްޖޭގައި އަލަށް ފަށާފައި ކަމަށެވެ. އޭގެ ތެރެއިން ވެސް އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައި ހުރި ފެމިލީ މެޑިސިން ކްލިނިކަކީ، ރާއްޖޭގައި ހުރި މިބާވަތުގެ ހަމައެކަނި ކްލިނިކް ކަމަށާއި އެންމެ ތުއްތުކުދިން ފެށިގެން، އުމުރުން ދުވަސްވީ މީހުންނަށް ވެސް އެ ކްލިނިކުން އަންނަނީ، އާއިލީ ދުޅަހެޔޮކަމުގެ ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ދެމުން ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މީގެ އިތުރުން ވެސް، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް މި ހޮސްޕިޓަލުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގައި ވެސް މި ހޮސްޕިޓަލުގެ ވަރަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު މިއަދު ހެނދުނު ރައީސް ސޯލިހު ހުޅުވައިދެއްވުމަށްފަހު އެ ސެންޓަރު ރައީސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ވަރަށް މަތީ ދަރަޖައެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުން މި އަންނަ މަސައްކަތުގައި ވެސް، އެ ހޮސްޕިޓަލުގެ ފަރާތުން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށާއި އެކަމަށްޓަކައި، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެރިންނަށާއި މެނޭޖްމަންޓަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ޝުކުރު ދެންނެވި އެވެ.

"ކޯވިޑުގެ ތެރޭގައި، މި ހޮސްޕިޓަލުގައި ޚިދުމަތް ދެއްވި ހުރިހާ ޑޮކްޓަރުންނަށާއި ނަރުހުން އަދި ލެބޯރެޓަރީ ޓެކެނީޝަނުންނަށާއި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރަައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޢުމުރުން މިވީ އަދި އެންމެ ފަސް އަހަރު ކަމަށާއި އެހާ ކުރު މުއްދަތެއްގައި ވެސް، އެ ހޮސްޕިޓަލުން ރައްޔިތުންގެ އިތުބާރު ހޯދައިފި ކަމަށެވެ. އަދި އެއީ ހަމައެކަނި ޚިދުމަތްތައް ފުޅާކޮށްގެންނެއް ނޫން ކަމަށާއި އެ ކާމިޔާބީގެ އަސްލަކީ، ބަލި މީހުންނާ މެދު ބަހައްޓާ ގާތްކަމާއި ޚިދުމަތް ދިނުމުގައި ހޮސްޕިޓަލުގެ މުވައްޒަފުން ގެންގުޅޭ ރަޙްމަތްތެރި ވައްޓަފާޅި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު މި ހުޅުވާ ފަރޓިލިޓީ ސެންޓަރުގެ ސަބަބުން، މި ހޮސްޕިޓަލުގެ މަގުބޫލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. މިއީ މުޅިން އަލަށް ރާއްޖޭގައި ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ފަރުވާއެއް. ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށް ބޮޑު ގުރުބާނީއެއްވޭ. ބައެއް ފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ޚަރަދުކުރޭ،" ރައީސް ވިދާޅުވި އެވެ.

މިއަދު މި ހުޅުވާ ފަރޓިލިޓީ ސެންޓަރުގެ ސަބަބުން، މި ހޮސްޕިޓަލުގެ މަގުބޫލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. މިއީ މުޅިން އަލަށް ރާއްޖޭގައި ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ފަރުވާއެއް. ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށް ބޮޑު ގުރުބާނީއެއްވޭ. ބައެއް ފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ޚަރަދުކުރޭ،
ރައީސް

ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެ މަރުކަޒާ އެކު، އެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ އެވެ. އަދި އެތައް ފައިސާއެއް ސަލާމަތް ވެސް ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ވެސް ގެނެސްދޭނެ. މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތަށް، ޕްރައިވެޓް ސެކްޓާއިން އެއްބާރުލުން ދިނުމުގައި، ޓްރީޓޮޕުން މި ދައްކަނީ ވަރަށް ރީތި ނަމޫނާއެއް. އަދި މިއީ ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަކުން ޚިދުމަތް ދިނުމުގެ ވަރަށް ދުރު ވިސްނުމެއް ޓްރީ ޓޮޕުން ގެންގުޅޭ ކަމުގެ ހެއްކެއް."

ރައީސް ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލައަކީ، މުޅި މި ސަރަޙައްދުގައި ވެސް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެ ވެސްވަރަކަށް މި މައްސަލަ އެބައޮތް ކަމަށާއި ވާލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

"އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދުން ވެސް އަޅުގަނޑުމެންނަށް އެކަން ފާހަގަކުރެވިގެންދޭ. އަޅުގަނޑުމެން ވެސް މި އަންނަނީ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުން. މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ޓްރީޓޮޕްގައި މި ހުޅުވުނު ސެންޓަރާއެކު، މާލީގޮތުން މިކަމުގެ ބޭނުން ޖެހިފައި ތިބި މީހުންނަށް، އެތަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ސަރުކާރަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އެވެ.