ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އާދަޔާހިލާފު ހޫނުގަދަވުމުގެ ސަބަބުން، މި އަހަރުގެ މިހާތަނަށް ޖަރުމަނުވިލާތުން އެކަނިވެސް 5,120 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރޮބާޓް ކޮޗް އިންސްޓިޓިއުޓް (އާރުކޭއައި) އިން ހާމަކޮށްފި އެވެ.
މި މަރުތަކާ ގުޅޭގޮތުން އާރުކޭއައި އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ޖޫން މަހުގެ ފަހުކޮޅު ކުރިމަތިވި ހީޓްވޭވްގަ އެވެ. އެ ދުވަސްވަރު ޖަރުމަނުގެ އެވްރެޖް ފިނިހޫނުމިން ހުރީ 20 ޑިގްރީ ސެލްސިއަސްއަށްވުރެ މާ މަތީގަ އެވެ. މިއީ ފިނި ގައުމެއްގެ ގޮތުގައި ބެލެވޭ ޖަރުމަނުވިލާތަށް ނިސްބަތުން ވަރަށް މަތީ މިންވަރެކެވެ.
އާރުކޭއައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހޫނުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން 4,270 މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ ދުވަސްވީ މީހުންނެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ދުވަސްވީ އާބާދީގައި އަންހެނުންގެ ނިސްބަތް އިތުރުވުމެވެ.
ހޫނުގެ ނުރައްކާ ހަމައެކަނި ޖަރުމަނަށް ނޫންކަން ފާހަގަކުރަމުން، މި ރިޕޯޓުގައި ބުނެފައިވަނީ ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކުން މި އަހަރު ތަޖުރިބާކޮށްފައިވަނީ ތާރީހީ ގޮތުން އެންމެ ހޫނުގަދަ ޖޫން މަސް ކަމަށެވެ. އެގޮތުން ޖޫން 20 އިން 28 އަށް ކުރިމަތިވި ހޫނު ރާޅުގެ ސަބަބުން ފަރަންސޭސިވިލާތް، ބެލްޖިއަމް، ސްޕެއިން އަދި ނެދަލެންޑްސްގައި އާންމުކޮށް މަރުވާ މީހުންގެ އަދަދަށްވުރެ 4,700 މީހުން އިތުރަށް މަރުވެފައިވެ އެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން މަރުތައް މެދުވެރިވަނީ ނުސީދާ ގޮތްގޮތުންނެވެ. އާދަޔާހިލާފަށް ހޫނުވުމުގެ ސަބަބުން ހާޓްއެޓޭކް ޖެހުމާއި، ސްޓްރޯކް މެދުވެރިވުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެންމަދުވެ، ކިޑްނީ ފޭލުވުމާއި، ނޭވާލުމުގެ ނިޒާމުގެ ބަލިތައް ހުންނަ މީހުންގެ ބަލި ބޮޑުވުމަކީ މިފަދަ ހޫނު މޫސުމެއްގައި ފުރާނައަށް ނުރައްކާވާ މައިގަނޑު ސަބަބުތަކެވެ.
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ހާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
ގަތަރުގެ އެންމެ ފުރަތަމަ "ސްމާޓް" މިސްކިތް ހުޅުވައިފި