ޑީޓޮކްސް ޑައިޓްތަކަކީ މިއަދުގެ މުޖުތަމައުގައި ވަރަށް އާއްމު ބާވަތެއްގެ ޑައިޓެކެވެ. ވަކި ގޮތަކަށް ތައްޔާރު ކޮށްގެން ބޭނުންކުރާ ބުއިންތަކެއް އެކުލެވޭ މި ޑައިޓްއަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުންގެ މެދުގައި ވަރަށް އާއްމު ޑައިޓެކެެވެ.
ޑީޓޮކްސް ބުއިންތަކަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވީއިރު، މި ބުއިންތަކުގެ ހަގީގަތަކީ ކޮބާ ކަމާމެދު ސުވާލު ކުރެވެ އެވެ. މި ބުއިނުތަކުން ލިބޭ ފައިދާއަކީ ކޮބައިތޯ ނުވަތަ ލިބޭ ގެއްލުމަކީ ކޮބާތޯ ވިސްނާލަން ޖެހެ އެވެ.
ޑީޓޮކްސް ބުއިންތަކަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭ އެއްޗެއް ކަމަށް ގަބޫލު ކުރެވިފައި އޮވެ އެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމަކަށް އެއްވެސް ދިރާސާއަކުން ދައްކާފައެއް ނެތެވެ. އިންސާނާގެ ހަށިގަނޑަކީ އޭގެ އަމިއްލަ ޒާތުގައި ވިހަ މާއްދާތައް ބޭރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ހަށިގަނޑެކެވެ.
ޑީޓޮކްސް ބުއިންތައް ބޭނުން ކޮށްގެން ބަރުދަަން ލުއި ކުރުމުގައި އެދެވޭ ނަތީޖާތަކެއް ލިބުނު ނަމަވެސް މިއީ ވަގުތީ ނަތީޖާތަކެއް ކަމަށް މާހިރުން ބުނެ އެވެ. މިފަދަ ބުއިންތައް ބުއިން ހުއްޓާލުމާއެކު ގެއްލުނު ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެބޭފުޅުން ބުނެ އެވެ.
ކަން މިހެން އޮތްއިރު ބަރުދަން ލުއި ކުރުމަށް ހަމައެކަނި ޑީޓޮކްސް ބުއިންތަކަށް ބަރޯސާ ވުމަކީ އެންމެ ރަނގަޅު ޚިޔާލަށް ނުވެދާނެ އެވެ. މިފަދަ ބުއިންތަކާއެކު ދިރިއުޅުމަށް އެހެނިހެން ބަދަލުތައް ވެސް ގެންނަން ޖެހޭނެ އެވެ.