ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ސަރުކަރުން ދޫކޮށްލިކަމަށް ބުނާ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފި އެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ 13 މެންބަރުންގެ ސޮޔާއެކު މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، މައްސަލާގައި ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މީގެ ކުރިންވެސް ޝަހިދު އިތުބަރު ނެތް ކަމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހުވެސް ވަނީ މަޖިލީހަށް ވައްދާފައިވެ އެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ވަނީ އެ މައްސަލަ އަނބުރާ ނަގައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަަލަ އޭރު އަނބުރާ ނެގީ އިތުރަށް ފުރިހަމަ ކުރުމަށެވެ.
ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަސް ހުށަހަޅާފަ އެވެ. އަދި ރިއްފަތުއަށް ވެސް ވަނީ މައްސަލައަށް ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް މިދިޔަ ބުރަސްފަތި ދުވަހު ދީފަ އެވެ.
ހާދަ ގިނަ ދުވަހެއް ތިދިނީ