ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ކުރާ ތަހުމީން އަހުމަދު ހުށަހެޅި ދެ ހެކި ބަލައި ނުގަންނަން މިއަދު ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.
ތަހުމީން އަހުމަދަށް އަލުން ދިފާއީ ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ވަނީ ފުރުސަތު ދީފައެވެ. އޭނާ އަށް އަލުން ހެކި ހުށަހަޅަން ފުރުސަތު ދިނީ އޭނާގެ ވަކީލުންގެ އިހުމާލުން ކަމަށްވާތީ އެވެ. ތަހުމީހުގެ ފަރާތުން މިއަދު ވަނީ 6 ހެއްކެއް ހުށަހަޅާފައެވެ.
ތަހުމީންގެ ފަރާތުން ހެކިހުށަހަޅަނީ އެރޭ އެހާދިސާ ހިނގި ވަގުތު އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނަމާދު ނިމެންދެން މިސްކިތެއްގައި ކަމަށާ އޭނާއަކީ ސައިކަލެއް ގަތުމުގެ ގާބިލިކަން ހުރި މީހެއް ނޫންކަން ސާބިތުކުރުމަށެވެ.
އެހެން ނަމަވެސް އޭނާ އެވަގުތު އެތަނުގައި ނެތް ކަމަށް ހުށަހެޅި ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. އަދި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުމަސް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ފުރުސަތު ދެއްވެމުން ދައުލަތުގެ ވަކީލް ވިދާޅުވީ ތަހުމީންގެ ފަރާތުން ހުށަހަޅާފައިވާ ހަ ހެކިންގެ ތެރެއިން ދެ ހެއްކެއް ބަލައި ނުގަތުމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ތަހުގީގު މަރުހަލާގައި ތަހުމީނު ހަނު ހުރެފައިވާ ކަމަށާ ސުވާލު ކުރުމުން ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، ހެކިންގެ ނަންތައް ހާމަކޮށްފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންވެ ގާޒީ ނިންމެވީ ތަހުމީނު ހުށަހަޅާފައިވާ ދެހެކިން ކަމަށްވާ ޝަމްއޫން ރަޝީދާއި މުހައްމަދު ޒޫމާލް ޒަރީރު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށެވެ.
މީގެ އިތުރުން ތަހުމީނު އަކީ ސައިކަލެއް ގަނެވޭނޭ މާލީ ތަނަވަސްކަން ނެތް މީހެއްކަމަށް ސާބިތު ކޮށްދޭން ތަހުމީނު ވަނީ ހެއްކެއްގެ ގޮތުގައި ޝަމްއޫން ރަޝީދު ހުށަހަޅާފައެވެ. އެ ހެކި ބަލައިގަތުމަށް ގާޒީ ނިންމެވި އެވެ.
މިމައްސަލާގައި ހެކިބަސް ނަގަން ފަށާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
މިމައްސަލާގައި ހިމެނޭ ފަހުމީއަށް ތުހުމަތު ކޮށްފައިވަނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.
އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލީ އަދުހަމް އެވެ. މި މައްސަލާގައި އަދުހަމަށް ކުރި ދައުވާތަކުގައި މިހާރު ވަނީ ހުކުމާހަމައަށް ގޮސްފައިވެ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.