މުޖުތަމައުއަށް އުނދަގޫވާހެން ރަށުތެރޭ އުޅޭ މައްސަލަ ބޮޑުވެ ނައިފަރު އަންހެނުންގެ ހާއްސަ ޑޮކްޓަރު ސަސްޕެންޑް ކޮށްފި އެވެ.
މިސުރަށް ޑޮކްޓަރެއްކަމަށްވާ މުހައްމަދު ޔަހްޔާ ސަސްޕެންޑް ކުރީ އާންމުންނަށް އުނދަގޫ ވާހެން މަގުމަތީގަޔާއި ހޮސްޕިޓަލުގައެިވެސް އުޅެމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ސަސްޕެންޑް ކުރީ ހޮސްޕިޓަލްގައި އޭނާގެ ފަރާތުން ނޭދެވޭ އަމަލުތަކެއް ފެންނާތީ އެވެ. އަދި އޭގެ ފަހުން ރަށުތެރެއިންވެސް އޭނާގެ ފަރާތުން އެފަދަ އަހުލާގުދަށް އަމަލުތައް ފެންނަމުންދާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އޭނާގެ ފަރާތުން ބަލިމީހުން ހިއްދަތިވާ އެއްޗެއްހި ބުނުމާ އެފަދަ އެއްޗެހި ހޮސްޕިޓަލްގެ މުވައްޒަފުންނާ ދިމާލަށްވެސް ބުނަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އޭނާގެ ވީޑިއޯތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ.
އެވީޑިއޯގައި އަތިރި މަތީގައި ތިބި ބަޔަކަށް އިޝާރާތުން މަލާމާތް ކުރާތަން ފެނެ އެވެ. އަދި، ކެފޭއެއްގެ މޭޒު ދޮށުގައި އިނދެ ނަމާދުގެ ހަރަކާތްތަކާ ވައްތަރު ހަރަކާތްތަކެއް ކުރާތަން ވެސް ފެނެ އެވެ.
ނައިފަރުގެ ބައެއް މީހުން ބުނީ އޭނާ އަކީ މުޅިން ހަމަ މީހެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އޭނާގެ ފަރާތުން ފެންނަނީ އެފަދަ އަމަލުތަކެއް ކަމަށް ބުނެ އެވެ.
ޖައުފަރު ވިދާޅުވީ އޭނާގެ މައްސަލައާ ބެހޭ ހުރިހާ މައުލޫމާތެއް ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.