ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓް ކަމަށްވާ ނ. އަތޮޅު ސޮނޭވާ ޖާނީ ރިސޯޓުގެ އެންމެ ބޮޑު އެއް ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ސޮނޭވާ ޖާނީ އަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ރިސޯޓެވެ. ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓުގައި އެއް ކޮޓަރި އާއި ހަތަރު ކޮޓަރި ހިމެނޭ 51 ވިލާ ހުރެ އެވެ.
މި ހާދިސާއާ ގުޅިގެން ސޮނެވާ ޖާނީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭ އެ ރިސޯޓުގެ ވިލާ ނަމްބަރު 34 ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތެއް އަދި އެ ހާދިސާ އެތަނަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ނުދެ އެވެ.
ސޮނެވޭ އިން ބުނީ މި ހާދިސާ ހިނގިއިރު އެ ވިލާ އޮތީ ހުސްކޮށް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ގެސްޓަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް އެ ރިސޯޓުން ބުނެ އެވެ.
ސޮނެވާ އިން ބުނީ އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ ސޮނެވާ ޖާނީގެ އޮޕަރޭޝަންސް ޓީމުން އެޅި އަވަސް ފިޔަވަޅުތަކާއި ސަން ސިޔާމް ރިސޯޓުގެ އެހީގައި ކަމަށެވެ. އަދި ރިސޯޓުގެ އެހެން ހިސާބުތަކަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެ ރިސޯޓުން ބުނެ އެވެ.
ސޮނެވާ އިން ބުނީ އެ ރިސޯޓުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ނަމަވެސް ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ތަހުގީގެއް ފަށާނެ ކަމަށެވެ.