ހިޔާ ފްލެޓްތަކުގެ ކުލި 5300ރ. އަށް ކުޑަކޮށް އެކަން ރަސްމީކޮށް މިއަދު ސަރުކާރުން އިއުލާން ކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނީ ހަތް އަހަރު ދުވަހު ކަމަށެވެ. އެގޮތުން ހަތް އަހަރު ވަންދެން ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 5،300ރ. އާ ކަމަށާއި ހަތް އަހަރު ނިމުމުން 7،500ރ. ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި މަހުން ފެށިގެން ހިޔާގައި ދިރިއުޅޭ މީހުން މަހަކު ދައްކަން ޖެހޭނީ މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 6،300ރ. އެވެ. ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް 8،500ރ. ދައްކަން ޖެހޭނެ އެވެ.

ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓަށް ގެނައި ބަދަލާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ. ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓްތަކުގެ ކުލި މި ސަރުކާރުން ކުޑަކޮށްދިނީ ފްލެޓްތައް ލިބުނު މީހުން އެ ކަމަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުންނެވެ. ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެ ތަނުގައި ދިރިއުޅޭ މީހުން އެކި ފަހަރު މަތިން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓަށް ގެނައި ބަދަލާ ބެހޭ ގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ. ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓް ކުއްޔަށް ދެވޭނީ 11،000ރ. އަށް ކަމަށް ވެސް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.