ލޭ އަޅަން ބޭނުން ކުރާ ސާމާނު އަތޮޅު ތެރޭގެ ހެލްތު ސެންޓަރުތަކަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އެގޮތުން ހެލްތު މިނިސްޓްރީން ވަނީ 112 ހެލްތް ސެންޓަރަކަށް ލޭ އަޅަން ބޭނުންވާ ސާމާނު ހަވާލުކޮށްފަ އެވެ. އެ ތަކެތީގެ އަގު 119 މިލިއަން ރުފިޔާއަށް އަރަ އެވެ. ހަވާލު ކުރި ތަކެތީގެ ތެރޭގައި ބްލަޑް ބޭންކް ރެފްރިޖަރޭޓާ, ބްލަޑް ކަލެކްޝަން މޮނިޓާ, ޝޭކާ އަދި ޕްލެސެންޓާ އެކްސްޓްރެކްޓާ ހިމެނެ އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިތަކެތި ހެލްތު ސެންޓަރުތަކަށް ދީފައި ވަނީ މިހާރުގެ ހާލަތަށް ބަލާ އެންމެ ބޭނުންވާ ތަންތަނަށް ކަމަށެވެ. މީގެ ސަބަބުން އެރަށްރަށުގެ އިތުރުން ރަށާއި ކައިރީ އެހެން ރަށްރަށަށް ވެސް މިކަމުގެ ލުއިފަސޭހަ ލިބިގެންދާނެ ކަމަށް މިނސްޓަރު ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އަތޮޅުތެރޭގެ 112 ސިއްހީ މަރުކަޒައް މިތަކެތި ދިނުމުން އެތަންތަނުން ދެމުން ގެންދާ ހިދުމަތް ރަނގަޅުވެ، ރައްކާތެރިކަމާއެކު ޚިދުމަތް ދެވިގެންދާނެ ކަމަށާއި ކުރިން އުފުލި ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.
ސިއްހީ ފަރުވާ އަތޮޅުތެރޭގައި ފުޅާކޮށް ސިއްހީ ހިދުމަތް ހޯދަން މާލެއަށް ބަރޯސާވުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.