ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާއާއި ގުޅިގެން އެ މައްސަލާގައި ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ އާއި ވަކީލުންނާއި ބައްދަލުވުމަށް ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
މިއަދު ތާވަލް ކޮސޤފައިވަނީ އެމައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ. މި މައްސަލައަށް ތައްޔާރުވުމަށް ވަކީލުންނާ ބައްދަލުކުރެއްވުމަށް އެކަށީގެންވާ ފުރުސަތު ރައީސް ޔާމީން ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޝަރީއަތްތައް އަވަސްއަރުވާލައިގެން ކުރިއަށްގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ ޖަލުގައި ޔާމީން އޮންނަވާއިރު މިމައްސަލާގައި އިފްތިތާހީ ބަޔާނަށް ތައްޔާރުވާޏް އެކަށީގެންވާ ފުރުސަތު ނުލިބުނީ މަތީ ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަތަކުގައި ވަގުތު ހޭދަކުރަން ޖެހުމުން ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށާ ޔާމިން އަށް އެފުރުސަތު ފަހިކޮށްދެއްވުމަށް ދައުލަތަށް އަންގާ ކަަމށް ގާޒީ ވިދާޅުވި އެވެ.
ޔާމީން އަށް އިފްތިތާހީ ބަޔާން ހުށަހެޅުމަށް ތައްޔާރު ނުވެވޭތީ މިއަދުގެ ޝަރީއަތް ފަސްކުރަން މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައި އެވެ.
ޔާމީންގެ މައްޗަށް ވަނީ ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.