މިއަހަރުގެ ތެރޭގައި އިތުރު 6 ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ މިހާތަނަށް ވަނީ މުޅިން އަލަށް ދެ ރިސޯޓެއް ހުޅުވައިފަ އެވެ. އެއީ ވ. އަތޮޅުގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި، ބ. އަތޮޅުގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓެވެ.
ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓް ހުޅުވީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް ހުޅުވީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. މިއީ 100 އެނދުގެ ދެ ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު އަދި އިތުރު ހަ ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ 5 އަތޮޅެއްގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައް ހިމެނެ އެވެ.
މިއަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައް:
- ރ. ކުޑަކުރަތުގައި ހަދާ 400 އެނދުގެ ރިސޯޓް
- ބ. ބޮޑުފިނޮޅުގައި ހަދާ 200 އެނދުގެ ރިސޯޓް
- ޅ. މާބިންހުރާގައި ހަދާ 408 އެނދުގެ ރިސޯޓް
- ޅ. ދެ ރުއްފިނޮޅުގައި ހަދާ 172 އެނދުގެ ރިސޯޓް
- މާލެއަތޮޅު ފަޅެއް ހިއްކައިގެން ހަދާ 260 އެނދުގެ ރިސޯޓް
- އދ. ބޮޑުފިނޮޅުގައި ހަދާ 200 އެނދުގެ ރިސޯޓް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 170 ރިސޯޓެއް ހިންގަ އެވެ. މިއީ 41،241 އެނދެވެ. އެއީ ރާއްޖޭގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް މިވަގުތު ހުރި މުޅި ޖުމްލަ 60،514 އެނދުގެ 68 ޕަސެންޓެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމް ތަރައްގީކުރުމަށް ރަށާއި ފަޅުތައް ހުޅުވާލާފަ އެވެ. މީގެ ތެރެއިން ދެ ރަށަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. މިއީ ރާއްޖޭގައި މިހާރު ޓޫރިޒަމް ތަރައްގީވެފައި ނެތް ސަރަޙައްދެއް ކަމަށްވާ ހއ. އަދި ތ. އަތޮޅުން ދޫކުރާ ދެ ރަށެވެ.
ކޮވިޑަށްފަހު ރާއްޖޭގެ ޓޫރިޒަމް މިހާރު އަންނަނީ ކުރިއަރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 661،628 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %19.5 ކުރިއެރުމެކެވެ.