ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ.
ޑރ. މައުސޫމް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ. މަގާމުގައި ހުންނެވި ބޭފުޅެވެ.
ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ޑރ. މައުސޫމް ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށް ވިސްނާވަޑައިގެން ރައީސް ސޯލިހަށް އެއްވެސް ޝަރުތަކާ ނުލާ ތާއީދު ކުރައްވާ ކަމަށެވެ.
ޑރ މައުސޫމް އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެވެ. އަދި ޑރ. މައުސޫމް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަރަށް ގާތް ބޭފުޅެވެ.
ޑރ. މައުސޫމްގެ ތާއީދު ރައީސް ސޯލިހަށް ކުރެއްވި އިރު ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަން އިއުލާންކޮށް ޖޭޕީ އިން ވަކިވެވަޑައިގެންފަ އެވެ.