އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަތް މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ އެއް ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުން ތިއްބަވަ އެވެ.
އެސްޓީއޯއިން ހުޅުވާލާފައި ވަނީ ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށްވުމަކީ ކުންފުނިން ބާރުއަޅާކަމެއް ކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ އެކަމުގެ ސަބަބުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.
އެސްޓީއޯގެ ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ކުންފުނީގެ ހިއްސާދާރަކަށްވުން އަދި އުމުރުން 30 އަހަރުވެފައިވުން ހިމެނެ އެވެ. މީގެ އިތުރުން ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުމަކީ ވެސް މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެވެ.
ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ޖެހުމާ ހަމައަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އެސްޓީއޯއިން ބުނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ.