މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހަށް އޭސީސީ އިން މައްސަލަ ފޮނުވައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް ޖަލީލަށް ލިބިފައިވާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމާއި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ ޖަލީލް ހޯދާފައިވާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަަށް ހޯދިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
މިމައްސަލާގައި، ނޮވެމްބަރު 3 ގެ ބަތަލު ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަަށުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ. އަދި މިމައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް ވަނީ އަންގާފަ އެވެ.