ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖުލު ހުކުމްގެ އިސްތިއުނާފީ ފޯމު އިސްލާހުކޮށް ޔާމީންގެ ފަރާތްޕުޅުން އިއްޔެ އަލުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީއަތްކުރެއްވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލު ކަނޑައަޅުއްވައި، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ހުކުމުގައި ގާނޫނީ އަދި ޝަރުޢީ ގިނަ މައްސަލަތަކެއް ހުރިކަމަށް ރައީސް ޔާމީނުގެ ދިފާއީ ވަކީލުން ފާހަގަކުރެއްވި އެވެ. އެގޮތުން ހުކުމުގައި ފުރިހަމަވާންޖެހޭ އިޖުރާއީ ބައެއް ކަންކަން ފުރިހަމަނުވާ ކަމަށާއި ހެކި ސާބިތުކޮށްފައި ވަނީ ވެސް ގާނޫނާ އެއްގޮތަށް ނޫން ކަމަށް ވަކީލުން ވިދާޅުވެ އެވެ.
އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 21ގަ އެވެ. އަދި އިސްތިއުނާފީ ފޯމު ބަލައިނުގަނެ މި މަހުގެ 9 ވަނަ ދުވަހު ހައި ކޯޓުން ވަނީ އިސްތިއުނާފީ ފޯމުގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަަމަށް ބުނެ އިސްލާހުކުރަން އަންގާފައިވެ އެވެ.