ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ނިމާލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް އެ ތަކެތި ފޯރުކޮށް ނުދެވުމުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށެވެ.
މި މައްސަލާގައި ނިމާލްގެ އިތުރުން ދަފްތަރު ނަންބަރު ރސ 13520، މިންހާޖު ވަހީދުގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
އޭނާއަކީ ނިމާލް ފެނަކައިގެ އެމްޑީއަކަށް ހުންނެވިއިރު، އޭރު ފެނަކައިގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން އެދުނު ނަމަވެސް ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި އެވެ.
ޕީޖީ އޮފީހުން ބުނީ، 2013 އިން 2016 އަށް މި ދެ ބޭފުޅުން އެ މަގާމުގައި ތިބިއިރު، ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކަކާ އެކު އެއްބަސްވި އެއްބަސްވުންތަކުގައިވާ މުއްދަތުގައި ދައުލަތަށް މުދާ ލިބިފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.