ރީތިވުމަށްޓަކައި ލިޕްސްޓިކްގެ ބޭޭނުން ނުކުރާ އަންހެނަކު އަހަރުމެންގެ ތެރޭގައި މަދުވާނެ އެވެ. ނަމަވެސް އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭ މި އުފެއްދުމާ މެދު ވިސްނާލެވުނު ހެއްޔެވެ؟
ރީތިވާން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ލިޕްސްޓިކް ބޭނުން ކުރަން ފެށިތާ 500 އަށްވުރެ ގިނަ އަަހަރު ވެފައިވާއިރު އިހު ޒަމާނުގައި އެ ވެފައިވަނީ ހަސަބާއި ނަސަބުގެ ނިޝާނެއްގެ ގޮތުގަ އެވެ.
ލިޕްސްޓިކްއަކީ ގުދުރަތީ ގިނަ މާއްދާތަކެއް ހިމަނައިގެން އުފައްދާ އުފެއްދުމެކެވެ. އާ ދިރާސާތަކާއެކު ލިޕްސްޓިކް އުފެއްދުމުގައި މިހާރު ބޭނުންކުރާ މާއްދާތައް މިވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން ބައެއް މާއްދާތަކަށް ބަލާލާނަމެވެ.
ތަރުކާރީ ވެކްސް: ލިޕްސްޓިކް ފަސޭހަކަމާ އެކު ޖެއްސުމަށާއި ރީތި އޮފް ކަމެއް ގެނައުމަށް
ލިޕްސަމް: މީގައި، ތުންފަތް މަޑުކޮށްދޭ ޚާއްސަ މޮއިސްޗަރައިޒިން ކުރުމަށް
ކެމޮމައިލް: ތުންފަތް އޮމާންކޮށްދިނުމަށާއި ތުންފަތުގެ ހަމަށް ލިބޭ ގެއްލުންތައް ފަސޭހަކޮށްދިނުމަށް
ޝިއާ ބަޓާ: މޫސުމަށް އަންނަ ބަދަލުތަކަށް ޚާއްސަކޮށް ގަދަވައިން ތުންފަތް ރައްކާތެރިކޮށްދިނުމަށް
ޔޫވީ ފިލްޓާ: ދުވަސްވުމަށް މެދުވެރިވާ އިރުގެ ހޫނު ދޯދިތަކުން ތުންފަތް ރައްކާތެރިކޮށްދިނުމަށް
ވިޓަމިން އީ: ތުންފަތް ހަލާކުވުން (ކަޑައިގެން ދިޔުން ފަދަ ކަންތައް) ރަނގަޅުކޮށްދީ ތުންފަތަށް ރޫޖެހުމުން ދުރު ކޮށްދިނުމަށް
މީގެ އިތުރުން ލިޕްސްޓިކްގައި ހުންނަ އެކި ކުލަތައް ގެނައުމަށްޓަކައި އާޓިފިޝަލް ކުލަތަކުގެ އިތުރުން ގުދުރަތީ ބާވަތްތައް ބޭނުން ކުރެވެ އެވެ. އޭގެ ތެރޭގައި މާމެލާމެއްޔާއި ފަތްޕިލާވެލި ހިމެނެ އެވެ.
ލިޕްސްޓިކް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން ހުރެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
- ތުންފަތުގައި ކުލަ ޖައްސަން ފެށުމުގެ ކުރިން ތުންފަތަށް މަޑުކަން ގެނައުމަށްޓަކައި ލިޕްބާމެއް ބޭނުން ކުރާށެވެ.
- ތުންފަތުގެ ހުރިހާ ހިސާބުތަކުގައި ކުލަ އެއްވަރެއްގައި ބެހެއްޓުމަށް، މޭކަޕް ސްޕޮންޖެއް ބޭނުންކޮށްގެން ފައުންޑޭޝަން އުނގުޅާށެވެ.
- ލިޕްސްޓިކް ގިނަ ވަގުތު ބެހެއްޓުމުގެ ގޮތުން، ފައުންޑޭޝަންގެ މަތީގައި ފިއްސަކުން މޫނުގައި ޖަހާ ފުއްކޮޅެއް ހާކާށެވެ.
- މޭޒެއް ފަދަ އެއްވަރު ތަނެއްގައި އުޅަބޮޅި ޖެއްސުމަށް ފަހު ލިޕް ލައިނާ އެއް ބޭނުންކޮށްގެން ތުންފަތުގެ ވަށައިގެން ރޮނގެއް އަޅާށެވެ. އަތް ތުރުތުރު އެޅެމުން ދުރުހެލިވުމަށްޓަކައި މަތީ ތުންފަތުގެ މެދުން ފަށާށެވެ. ތިރީ ތުންފަތުގައި އެޅުމަށް ފަހު މަތީ ތުންފަތުގެ ދެކައިރިން ނިންމާލާށެވެ.
- ކުލަ ޖައްސާ ނިމުމުން ދެ ތުންފަތް ދޭތެރެއަށް ޓިޝޫއެއް ލުމަށް ފަހު މަޑުމަޑުން އޮބާލާށެވެ. މިހެން ހެދުމުން ގިނަ ވަގުތު ލިޕްސްޓިކް ދެމި ހުންނާނެ އެވެ. އަދި އިތުރު ފުރިހަމަކަމެއް ވެސް ގެނުވައި ދޭނެ އެވެ.