ސިންގަޕޫރު (27 ޑިސެމްބަރު) - ސިންގަފޫރުގައި ކޮވިޑް ވެކްސިން ޖަހަން އަންނަ ބުދަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އިއުލާން ކޮށްފި އެވެ.
މިއީ ދެކުނު އިރުމަތީ އޭޝިއާގައި ވެކްސިން ޖަހަން ފަށާ ފުރަތަމަ ގައުމެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތް އިން ބުނީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި އަމަލުކުރާނެ ގޮތްތައް ވެކްސިން ޖެހުމަށް ހާއްސަކޮށްގެން އުފެއްދި ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އެ ކޮމިޓީގައި ހިމެނެނީ 14 މެމްބަރުންގެ މައްޗަށް އެކުލެވޭ އެކްސްޕާޓުންގެ ޓީމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސިންގަޕޫރުގައި ވެސް ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނި ސިއްހީ ހިދުމަތްތެރިންނަށެވެ. ދެވަނައަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނަށެވެ. އަދި އޭގެ ފަހުން ބޮޑެތި މީހުންނަށާއި އެލާޖިކް ފަދަ މައްސަލަތައް ނުހުންނަ ސިންގަޕޫރުގެ ރައްޔަތުންނާއި ދިގުމުއްދަތަކަށް ސިންގަޕޫރުގައި ދިރިއުޅޭ އެންމެންނަށެވެ.
އެ ކޮމިޓީން ވަނީ ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިންގެ ތަހުލީލްތަކެއްކޮށް އެގައުމުގެ ހެލްތް ސައިންސް އޮތޯރިޓީން ވެކްސިނަށް ހުއްދަ ދީފަ އެވެ. އަދި އެ ހުއްދަ ދިންއިރު މި ވެކްސިން އަކީ 16 އަހަރުން މަތީ މީހުން ބޭނުންކުރުމަށް އެކަށޭނެ ވެކްސިންނެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މާބަނޑު މީހުންނާއި ސީރިއަސް އެލާޖީ އަދި އެހެނިހެން ސީރިއަސް ބަލިތައް ހުންނަ މީހުން ވެކްސިން ނުޖެހުމަށް އަންގާފައިވެ އެވެ.
ހެލްތް މިނިސްޓްރީ އިން ބުނިގޮތުގައި ވެކްސިން ޖެހުމަށް ފެށުމުން ބަލިމަޑުކަމުން ވަގުން ސަލާމަތް ނުވާނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ އިގްތިސޯދު ރަނގަޅުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. – ސްޓްރެއިޓް ޓައިމްސް