ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖލީހުން މިއަދު ނިންމައިފި އެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިްނޟަފައި މިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކޮށްދެއްވުމަށް އެދި މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެމަނިކުފާނު އެދިލެއްވުމުންނެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކުރިން ނިންމާފައިވަނީ ކޯލިޝަން ހެދުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށެވެ.
އަދާލަތު ޕާޓީ އިން ބުނީ އެޕާޓީ އިން އެމްޑީޕީއާއި އެކު ކޯލިޝަން ހަދަން މިއަދު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީ އިން ބުނީ އެޕާޓީ އިން ކުރިން ބޭއްވި މަޝްވަރާ މަޖިލީހުގައި ބައްދަލުވުމުގައި ނިންމި ނިންމުންތަކާ އެއްގޮތަށް އެމްޑީޕީއާއި އެކު ކުރެވުނު މަޝްވަރާ ތަކަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށެވެ.
އަދި ރާއްޖޭގެ މިނިވަން ކަމާ އިސްތިގުލާލު ރައްކާތެރިކޮށް ރާއްޖޭގެ ސިޔާދަތީ ބާރު ދެމެހެއްޓުމާއި ރާއްޖޭގެ ސުލްހަ އަމާންކަން ދަމަހެއްޓުމާއި ދިވެހީންގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އަދާލަތުން ބުނެ އެވެ.
މީގެ އިތުރުން ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލްތަކާ ހަމަތަކުގެ އިތުރުން ފުރިހަމަ ލާމަރުކަޒީ އުސޫލްތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަންދިނުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އަދާލަތުން ބުނެ އެވެ.
މީގެ އިތުރުން މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އަދާލަތު ޕާޓީ އިން ބުނީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެންމެ ފަހިކޮށް އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓޤ އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއިދު ކޮށްގެން ކަމަށް ފެންނާތީ އެމަނިކުފާނަށް ތާއިދު ކުރަން ނިންމަފައިވާ ކަމަށެވެ.