ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތު ޕާޓިން މިގޮތަށް ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދުކޮށްދެއްވުމަށް އެދި އެމަނިކުފާނު މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފޮނުއްވި ސިޓީއާއި ގުޅިގެން މިރޭ އަދާލަތު ޕާޓީން ބޭއްވި ކުއްލި މަޝަވަރާ ބައްދަލުވުމުގައި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ އަށް ފަހު އެ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއިދުކުރުމަށް އެދިވަޑައިގެން ފައިވާތީވެ، މިހިނގާ ރިޔާސީ ދައުރުގައި އަދާލަތު ޕާޓީ އަށް ކުރެވުނު ތަޖުރިބާތަކަށް ބަލާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާއި އެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ކޯލިޝަންގައި ހިމެނޭ ޕާޓިތަކަށް ފޮނުއްވި ސިޓީގައި ވަނީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅު ފޮނުވާފައިވަނީ އަދާލަތު ޕާޓީގެ އިތުރުން މިހާރު ސަރުކާރުު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫންގެ އެމްއާރުއެމް އަށެވެ.
އެމްއާރުއެމްއިން މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައިނުވާއިރު، ޖުމްހޫރީ ޕާޓީ އިން މިކަމުގައި ގޮތެއް ނިންމާނީ މި ހަފްތާ ބަންދުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ފަހު ހޮވާ ކައުންސިލުންނެވެ.