މާސްކު ނާޅައި ސިޔާސީ އެއްވުމެއްގައި ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ރައީސް ވަހީދަށް ވަނީ ޖޫރިމަނާގެ ސްޕިލް ހަވާލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު އެޗްޕީއޭގެ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމް އިން ދާދިފަހުން ބޭއްވި ސައިކަލް ބުރު ނިންމާލުމަށްފަހު އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއިރު މާސްކު ނޭޅުއްވި ނަމަވެސް އޭގެކުރިންނާއި ފަހުން ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށް ވިދާޅުވިއެވެ.

މާސްކު ނެންގެވީ ހަމައެކަނި ވާހަކަފުޅު ދައްކަވަން ފަސޭހައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އެޗްޕީއޭގެ ގަވާއިދުތަކާ ޚިލާފުވެގެން ފިޔަވަޅު އެޅުމުގައި އެއްވެސް ހަމަ ހަމަ ކަމެއް ގެންގުޅޭތަން ނުފެންނަ ކަމަށެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މާސްކު ނާޅުއްވައި އުޅުއްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް ފޮތެއް ނެރުއްވުމަށް ބޭއްވި އިވެންޓެއްގައި މާސްކު ނާޅުއްވައި ގިނަ ބަޔަކާ އެކު ރައީސް ނަޝީދު ހުންނެވި ކަމަށް ރާޣިބު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.