ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަން މަރާލި މައްސަލާގައި ދައުވާ ލިބޭ ދެ މީހުންނަށް މަރުގެ އަދަބު ދޭން ޒިޔަދަމްގެ ހުރިހާ ވާރިސުން މިއަދުގެ ޝަރީއަތުގައި އެދިއްޖެ އެވެ.

ޒިޔަދަމް މަރާލަފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ރޭ މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.

އެމައްސަލަގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

މި ދެ މީހުންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.

އަލީ ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވެފައިވާތީ އަދަބު ކަނޑައެޅުމުގެ ކުރިއަށް ޒިޔަދަމްގެ ވާރިސުންގެ ބަސް މިއަދު ވަނީ ނަގައިފަ އެވެ. ޒިޔަދަމްގެ ވާރިސުންގެ ގޮތުގައި މަންމައާއި ބައްޕަގެ އިތުރުން އެއްބަފާ ދެ މީހުންނާއި އެއްބަނޑު އެއްބަފާ ހަ މީހުން ހިމެނެ އެވެ.

ޒިޔަދަމްގެ ހުރިހާ ވާރިސުން ވެސް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވަނީ މަރަށް މަރުގެ އަދަބު ދިނުމަށް އެދިފަ އެވެ.

އާއިލާގެ ހުރިހާ އެންމެންވެސް މަރަށް މަރު ހިފަން ބޭނުންވާ އިރު މިވަގުތު ޒިޔަދަންގެ މަންމަ ދުނިޔޭގައި ނެތެވެ. އެހެން ނަމަވެސް ޒިޔަދަން މަންމަ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މިމައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީް ޝަފީއު ވަނީ ވިދާޅުވެފައި އެވެ.

ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ. އަދި އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެެވެ.