ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހަދާ ފްލެޓްތައް ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގުގައި ގަންނަ ނަމަ، އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ތަރައްގީކުރާ ފްލެޓްތަކަކީ އާއްމުނަށް އެންމެ ކުޑަ އަގުގައި ވިއްކަން ޖެހޭ ތަންތަން ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.
"މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާކަން ފާހަގަކޮށްލަން. މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައި. މިގޮތުން ކޮންމެ ޕްރޮޖެކްޓަކުން ވެސް 60 ޕަސެންޓް ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެންމެ ކުޑަ އަގަށް އިމާރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައި،" އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެގޮތަށް އެކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓި، އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުސަތު އާއްމު ރައްޔިތުންނަށް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން، 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު ޖުމްލަ 5،198 ޔުނިޓް ހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ. މި ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫއުތަކެއް ސޮއިކުރެވި، މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި އާރުސީސީ އާ ހަވާލުކޮށްގެން ހިންގާ 116 ޔުނިޓްގެ މަސައްކަތް ހިމެނެ އެވެ. އެޗްޑީސީން ބުނިގޮތުގައި މިހާރު އެ މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފަ އެވެ. އަދި ސާސެ ގްލަޓްއާ ހަވާލުކޮށްގެން ތަރައްގީކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތްތައް ވެސް ކުރިޔަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލުކުރި 105 ޔުނިޓް، ފެޑޯ އާ ހަވާލު ކުރި 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރި 162 ހިމެނެ އެވެ. މިގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްގީކުރާ 105 ޔުނިޓްގެ 58 ޕަސެންޓް މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ހުޅުމާލެއަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާ ވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސެންޓޭޖެއް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރެވެމުން. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ ހަތަރު މަޝްރޫއުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" އެޗްޑީސީން ބުނެ އެވެ.
މިގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްގީކުރާ 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕަރޮޖެކްޓް އަލުން ފަށައި، މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުސަތު ހުޅުވާލާއިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެންޕީއެޗްއާ ހަވާލު ކޮށްގެން ތަރައްގީކުރާ 129 ޔުނިޓްގެ މަސައްކަތުގެ 98 ޕަސަންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.