ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އިންޑިއާ މީހާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި ކަމުގެ ދައުވާ އުފުލާފައިވާ އިންޑިއާއަށް ނިސްބަތްވާ ރަމޭޝް ސެލްވަމޮނީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލާފަ އެވެ.

ޑީޕޯޓްކޮށްލިއިރު، އޭނާގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭނާ ހާޒިރުކުރެވޭ ގޮތް ނުވުމުން ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މީހާއަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްފައިވާ މީހެއް ކަމަށެވެ. އޭނާ ޑީޕޯޓް ކޮށްލީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ދުވަހާ ހަމައަށް ވެސް އެ މައްސަލަ ހައިކޯޓުގައި އޮތްކަން ޕީޖީ އޮފީހުން އަންގާފައިނުވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ރަސްމީ ލިޔެކިޔުމުން އަންގާފައި ނުވިޔަސް އަނގަބަހުން އެކަން އިމިގްރޭޝަނަށް އަންގާފައިވާނެ ކަމަށެވެ.