އޮފީސް މާހައުލުގައި ސްޓްރެސް ވުމަކީ އާއްމު ކަމެކެވެ. ކުރަން ޖެހޭ މަސައްކަތްތައް ފުނިޖެހި ވަގުތަށް ނުނިިންމި ބޯ ގޮވައިގެން އިންނަން ޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ މި ސްޓްރެސްއިން ސަލާމަތް ވާން ކުރެވިދާނެ ކަމެއް ކަމަށެވެ.
މަސައްކަތްތައް ރާވާލުން
ޑެޑްލައިންތަކާއި ޕްރެޝަރާއެކު ކުރަންޖެހޭ މަސައްކަތުގެ އަދަދަށް ބަދަލެއް ނާންނާނެ އެވެ. އެހެން ކަމުން ކުރެވެން އޮތްހާ ވެސް ކަމަކީ ކުރަން ޖެހޭ ކަންތަކުގެ ޓާސްކް ލިސްޓެއް ހަދާ އެ ކަންތައް ރާވާލުމެވެ. އަދި ނިމޭ ވަރަކުން ނިމޭ ޓާސްކުގައި ފާހަގަ ލަމުން ގެންދިއުމުން ހަމަޖެހިލައިގެން އެ ކަންތައް ކުރެވޭނެ އެވެ.
ރަނގަޅު މީހުންނާއެކު ވަގުތު ހޭދަކުރުން
މުސާރަ ލިބޭ ވަރު ދަށްވެގެން ނުވަތަ މަސައްކަތް ކުރަންޖެހޭ މިންވަރު ގިނަވެގެން ޝަކުވާކުރާ މީހަކާއެކު ވަގުތު ހޭދަ ނުކުރާށެވެ. އަދި ތިމާ އަދާކުރާ ވަޒީފާއާ މެދު ޕޮޒިޓިވް ނަޒަރަކުން ވިސްނާކަން އެ މީހަކަށް އަންގާލުން ބުއްދިވެރި އެވެ. މީގެ އިތުރުން ވެސް އޮފީހުގައި "ގޮސިޕް" ކުރުމާއި ދޭތެރެ ޖެއްސުން ފަދަ ކަންމަކާއި ޒުވާބުތަކާ ވީހާވެސް ދުރުގައި ހުންނަން މަސައްކަތް ކުރާށެވެ.
ނޫނެކޭ ބުނަން ފަސްނުޖެހުން
ތިމާ އަށް މާބައިވަރު މަސައްކަތް ހަވާލުވެފައި ވަނިކޮށް ވެސް އިތުރު މަސައްކަތް ދޭން އުޅެފި ނަމަ ނޫނެކޭ ބުނަން ކެރެން ވާނެ އެވެ. ތިއީ އިންސާނެކެވެ. ރޮބޮޓެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށެވެ. އެހެން ނަމަވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އެޅިހާ ބަތަކަށް ރިހަ ވެގެން ހުރުމުން ވެސް ވާވަކި ފައިދާއެއް ނޯވެ އެވެ. އޮފީސް މާހައުލުގައި ސްޓްރެސް މެނޭޖްކުރުން އެންމެ ފުރަތަމަ ފެށެނީ ތިމާގެ ސިއްހަތާއި އުފަލާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްގެންނެވެ.
އަމިއްލަ މީހާއާ މެދު ފަޚުރުވެރިވުން
ކޮންމެ ދުވަހެއް ވެސް ނިންމާލުމަށް ފަހު އެ ދުވަހަކު ނުވެ ހުރި ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި، ނިންމުނު ކަންތަކާ މެދު ވިސްނާ، އޭގެ ކްރެޑިޓް އަމިއްލަ ނަފުސަށް ދޭށެވެ. އަދި އަމިއްލައަށް މަސައްކަތް ކުރެވުނު ގޮތާ މެދު ވިސްނާ، އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ފާހަގަވާ ކަންތައް ވެސް ސިކުނޑީގައި ނޯޓުކޮށްލާށެވެ.
އަމިއްލަ ކަންތައްތަކަށް ވެސް ވަގުތު ހުސް ކުރުން
އޮފީސް ނިންމާލުމަށް ފަހު ގެއަށް އައިސް ބޯހަމަ ޖައްސާލަން ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ޓީވީ ބަލާލުން ކަހަލަ ކަންތައް ކުރެވިދާނެ އެވެ. މީގެ އިތުރުން މަސައްކަތް ކުރަމުންދާއިރު ވެސް ކޮންމެ ވެސް ވަރަކަށް ބްރޭކް ނަގާލާ، ރަނގަޅަށް ކައިގެން ހުރުން މުހިއްމެވެ.
ޚުރާނެ ކަމެއް ނެތހިގެން ރަސްމީގަޑީގެ ބޮޑުބައި ޖޯލީގައި ހޭދަކުރާ ވެރިންނާހެދި މަސައްކަތު މާހައުލު މުޅިން ފިތުނަ ވެއްޖެ. އޭގެ އަސަރު ހުރިހާ މުވައްޒަފުންނަށްވެސް ކުރޭ. އެމީހުންނަށް އެއްޗެއް ވިސްނޭނެ ނަމަ....