ރާއްޖެއިން ކޮވިޑް-19ގެ އިތުރު ވޭރިއެންޓެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިފައިވާކަން މިދިޔަ ހަފްތާގެ ތެރޭގައި އެ ގައުމުން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގެ ދެކުނު އިރުމަތީ ސަރަޙައްދުގައި އެ ބާވަތް ވަރަށްބޮޑަށް ފެތުރި، ޑިސެމްބަރު މަހާ ހަމައަށް އައި އިރު އެ ބާވަތުގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭރު ފެތުރިގެންދިޔައީ ކޮވިޑްގެ އިތުރު ސްޓްރެއިނެއް ނުވަތަ އައު ބާވަތެއް ނޫން ކަމަށާއި ސްޓްރެއިނަކަށް ވާނީ ވައިރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑްގެ އައު ބާވަތާ ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން އެއިން ބަލި އިތުރަށް ސީރިއަސްވެގެންދާކަން ފާހަގަކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ބާވަތުގެ ތަފާތުކަމަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރޭ މިންވަރު އަވަސްވުމާއި ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އިތުރުން، ދެކުނު އެފްރިކާއާއި ނައިޖީރިއާއިން ވެސް އައު ބާވަތެއް ފެނިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެހެން ގައުމުތަކާ ޚިލާފަށް ޖީން- ސީކުއެންސް ގިނައިން ހަދާ ގައުމެއް ކަމަށާއި އެ ގައުމުން ކޮވިޑް-19ގެ އައު ބާވަތް ފަސޭހައިން ދެނެގަނެވުނަސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ބާވަތެއް ފެތުރެން ފަށާފައިވުން އެކަށީގެންވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުން ފެނުނު އައު ބާވަތާ ގުޅިގެން ހަދަންޖެހޭ ރިސްކް އެސެސްމެންޓްތައް ހަދައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެކި ފަރާތްތަކާ މަޝްވަރާކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އައު ބާވަތެއް އުޅޭކަން އަދި ފާހަގަކުރެވިފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ކުއްލިއަކަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ވަރަށް ބޮޑަށް ބަލާނަން. މީގެ ރިސްކް އެސެސްމެންޓް ހަދާ ދެންހުރި ޓެކްނިކަލް ކަންކަމަށް ވެސް ބަލާ މަޝްވަރާކުރަމުން މިދަނީ. މީގެ އިތުރުން އިތުރު ސާމްޕަލްތައް ސީކުއެންސިންއަށް ފޮނުވުމަށް ލެބްތަކާއި ބައްދަލުކޮށް އެކަމުގެ މަޝްވަރާތައް ވެސް ކުރިއަށް އެބަދޭ. ރާއްޖޭން ކުރިން ވެސް އެއް ބޭޗު ސީކުއެންސިންއަށް ފޮނުވައި އޭގެ ނަތީޖާ ލިބިފައި މިވަނީ. މިހާތަނަށް ސީކުއެންސް ކުރެވުނު ހުރިހާ އެއްޗަކުން ވެސް ރާއްޖޭގައި އެއް ވައްތަރެއްގެ ވައިރަސް މިއުޅެނީ. އިތުރު ސާމްޕަލްތައް ޓެސްޓްކުރަން ފޮނުވުމުގެ ކަންކަން ވެސް ހަމަޖައްސަމުން މިދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.