ކުރީ ސަރުކާރުގެ އަނިޔާވެރިކަމާއެކީ މަގުމަތީ ހޭދަ ކުރި މީހުން ދުލެއް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ކުރީގެ ރައީސް ޔާމީންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނު ވަނީ އިންތިހާބުން ބަލިވެއްޖެ ނަމަ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް މިއަދު ވަނީ ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން މަގުމަތީގައި ހަތް އަހަރު ހޭދަކޮށް ވަރަށް އަނިޔާވެރި ދުވަސްތަކެއް ތަހައްމަލް ކޮށްފައިވާ ކަމަށެވެ.
"އެ އިހުސާސްތައް އެބަހުރި އަޅުގަނޑުގެ. އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ،" ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެ އަނިޔާވެރިކަމުގައި ޕާޓީގެ އެތައް ބަޔަކު އެއްވެސް ހުކުމެއް ނެތި ކުޑަ ގޮޅީގައި އެތައް ދުވަހެއް ހޭދަ ކުރަމުން ދިޔަ ކަމަށާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ފަދަ އެތައް މެންބަރެއް އެ އަނިޔާވެރިކަމުގައި އުޅުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިހާރު އެއީ ނުހިނގާ ކަންކަމެއް ކަމަށް ހަދައިގެން ނޫޅެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން ވަރަށް ހާލުގައި އެތައް އަހަރެއް އުޅުމަށް ފަހު މިހާރު އަމާން ބަނދަރަކަށް އާދެވިފައިވާ ކަމަށެވެ. އަނެއްކާވެސް ނިންމަން ޖެހޭނީ އެ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނުވަތަ ތަރައްގީ އައިގެން ކުރިޔަށް ދާނީތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ދީ ޕްރައިމަރީގައި ވޯޓުލާ ގޮތަކުން ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ނިންމާ ނިންމުމުގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ. ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި އަނިޔާވެރިކަމުގެ ތެރެއަށް ގޮސްދާނެ. އެއީ އަޅުގަނޑު ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ, އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުމަކީ ކުޑަރަށަކަށް ބޮޑު ރަށަކަށް ނުބަލާ ހުރިހާ ރަށަކަށްވެސް ހިދުމަތް ދިނުން ކަމަށެވެ. އަދި ށ. އަތޮޅުގެ ރަށްތަކަކީ ޒަމާނުއްސުރެ އެކަހެރިކޮށް ދޫކޮށްލެވިފައި އޮތް އަތޮޅުތަކެއް ކަމަށް ރައީސް ވިދާޅުވި އެެވެ.
"އެގޮތުން މި ދާއިރާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަޅުގަނޑު ހިތުން ރައްޔިތަކު ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާނެ އެއް ކަމަކީ މިރަށުގެ ހުންނަ މީހާ ސާފު ބޯފެން ބޭނުންވާނެ، މާލެ އަދި ބޮޑެތި ރަށްރަށު މީހުން ސާފް ބޯފެން ބޯކަމުގައި ވާނަމަ މިރަށުގެ ރައްޔިތުންގެވެސް އެ ފެން ބޭނުންވާނެ ނަރުދަމާ ނިޒާމް ބޭނުންވާނެ،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ދައުރު ނިމިގެން ދާއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިގެން ދާނެ."
ރައީސް ވިދާޅުވީ ރާއްޖެއަކީ ވަކިވަކި ރަށްތަކަށް އެކުލެވިގެންވާ ގައުމަކަށް ވާތީ، އެއް ރަށް އަނެއް ރަށާއި ގުޅުވައިގެން ނޫނީ ހަގީގީ އިގްތިސާދީ މަންފާއެއް ރައްޔިތުންނަށް ނުފޯރާނެ ކަމަށެވެ. އަދި މިއީ އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަކީ އެމްޑީޕީގެ ފިކުރެއް، ސިޔާސަތެއް، އެކަން ހަގީގަތަށް ހަދަމުން މި ދަނީ މިއަދު މި ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.
ނަޝީދުގެ ނަން ހާމަ ނުކުރައްވާ ރައީސް ވިދާޅުވީ، އެ މަސައްްކަތް "އަޅުގަނޑުމެންނަށް" ކުރީގައި ފެށުނު ނަމަވެސް، ރަނގަޅު ޕްލޭނަކާ ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެން ދިޔަ ގޮތް އޮތީ ފެންނަން ކަމަށެވެ.
"ކުރީގައި އަޅުގަނޑުމެންނަށް ފެށުނު މި މަސައްކަތް، އެހެން ނަމަވެސް އެކަން ވެގެން ދިޔަ ގޮތް ތި ހުރިހާ ބޭފުޅުންނަށް އެނގިލައްވާނެ. ރަނގަޅު ޕްލޭނެއް ނެތި، ރަނގަޅު ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެން ދިޔަ ގޮތް މިއަދު މި އޮތީ ފެންނަން،" ރައީސް ވިދާޅުވި އެވެ.
މި މަހު 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ކެނޑިޑޭޓުން ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ވަރަށް ފޯރީގައި ކުރަމުން އެބަދެ އެވެ.