ރާއްޖެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަނަކަށް އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ.
މި ދެ ބޯޓު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ އަސްކަރީ ދެ ބޯޓު ރާއްޖެ އައީ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށެވެ. މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވި އެވެ.
މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ ދެ މަތިންދާ ބޯޓު ރާއްޖެ އައުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަ ގައުމެއް ކަމަށްވާ އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖެއްސި އިރު، އެ ބޯޓުތައް އެއާ ޓްރެފިކް އަދި އެމްއެންޑީއެފް ރާޑަރަށް ވެސް ނާރާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް މީސް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ.