ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މިއަދު ދޫކޮށްފި އެވެ.
މިއާއެކު އެޗްޑީސީއަކީ މި ލައިސަންސް ލިބުނު ފުރަތަމަ ކުންފުންޏެވެ.
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު އެވެ. އެޗްޑީސީގެ ފަރާތުން ލައިސަންސާ ހަވާލުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
އެޗްޑީސީން ބުނީ މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް ވަސީލަތް ދޫކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ.
އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަކީ، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތް، އެއް ވިއުގައަކުން ގުޅާލާފައިވާ ފަސޭހަ ނިޒާމެކެވެ. އެގޮތުން އެއް ވިއުގައެއްގެ ތެރެއިން ދިރާގު، އުރީދޫ، މިޑިއާނެޓް އަދި އާރްއޯއެލްގެ ހިދުމަތް އަންނަނީ ދެމުންނެވެ.
އެޗްޑީސީއަށް ރަސްމީކޮށް ލައިސަންސް ދޫކޮށްފައި ވަނީ އޯޕަން އެކްސެސްގެ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ފާހަގަކުރެ އެވެ.
ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗްޑީސީއަށް ދޫކުރިނަމަވެސް، މިއީ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކުންފުންޏަށް ވަނީ މީގެ ކުރިން ދީފަ އެވެ.
އެޗްޑީސީން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަ ޓު ދަ ހޯމް) ގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތްތައް ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އޯޕަން އެކްސެސް ނެޓުވޯކްގައި އިންޓަނެޓާއި ޓީވީގެ ހިދުމަތް ހިމެނޭހެން 12،000 އަށްވުރެ ގިނަ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އަގު ހެޔޮވެ، މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދެ އެވެ.