އެއާ ސިލޯނުގެ މަތިންދާ ބޯޓު ހުޅުލެއަށް ޖައްސަން އައިއިރު އެއާޕޯޓު ހިންގަމުން ގެންދިޔަ އިނގިރޭސިން ހުރީ އެއާޕޯޓުގެ މައްޗަށް ރަތް ކުލައިގެ ގަދަ އައްޔެއް ފޮނުވައިފަ އެވެ. މާނައަކީ ބޯޓު ސަލާމަތުން ޖެއްސޭ ފަދަ ހާލަތެއް އެއާޕޯޓުގައި ނެތް ކަމެވެ. އެ ސިގުނަލަށް ބެލުމެއް ނެތި، ލަންކާގެ ވައިގެ ކަންތައްތަކާ ބެހޭ މުއައްސަސާގެ އެއް ނައިބު ކަމުގައިވާ މިސްޓަ މާވަލަގެދަރަގެ ކެޕްޓަންކަމުގެ ދަށުގައި އައި އެއާސިލޯނުގެ ފްލައިޓު ހުޅުލޭގެ އެއާޕޯޓަށް ޖެއްސި އެވެ. އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ދިވެހިންގެ ތަރުހީބުގެ އަޑުން މުޅި ރަށް ގުގުމައިގެން ދިޔަ އެވެ. އެއީ 10 އޭޕްރީލް 1962 ވީ އަންގާރަ ދުވަހެވެ.
ހުޅުލޭގައި ދަގަނޑު ފިލާ އަޅަގެން ހެދި އެއާޕޯޓަކީ އައްޑޫ ގަމުގެ މައްސަލައިގައި ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ނިމުމާއެކު ދިވެހި ރާއްޖެއަށް އިނގިރޭސިން ވެދޭ ޚާއްސަ އެހީ އެއްގެ ގޮތުން ހެދި އެއާޕޯޓެކެވެ.
މައިގަނޑު ބޭނުމަކީ ރާއްޖެ ބޭރުގެ ދުނިޔެއަށް ހުޅުވުމަށް މަގު ފަހިކޮށްދިނުމެވެ. އެއާޕޯޓު ހެދުމަށް އިނގިރޭސިން ފުރަތަމަ ހުށަހެޅީ މާލޭގެ އިރުމަތީން ބޮޑު ފާރުން ބޭރުގައި އެއާޕޯޓެއް ހަދާށެވެ. އިނގިރޭސިންގެ އަމިއްލަ ޚަރަދުގައި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި އެއާޕޯޓު ހަދައި ނިންމައިދޭނެ ކަމުގައި ހުށަހެޅުމުން ދިވެހި ރާއްޖޭގެ ބޮޑު ވަޒީރު އިބުރާހިމް ނާސިރު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން އެކަން ގަބޫލުފުޅު ކުރެއްވި އެވެ. އެހެން ނަމަވެސް ނާސިރު ވިދާޅުވީ އެއާޕޯޓެއް ހަދަންޏާ ހަދަން ވާނީ މާލެއަކު ނޫން ކަމަށެވެ.
މާލޭގެ ބަދަލުގައި މާލެއާ ދޮޅު މޭލެއްހާ ދުރުގައި އޮތް ހުޅުލޭގައި އެއާޕޯޓު ހެދުމަށް ނާސިރު ލަފާ ދެއްވި އެވެ.
"ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި" ގައި މި ވާހަކަ ބަޔާން ކުރައްވަމުން ނޮވެލްޓީ އަލީ ހުސޭން ލިއުވާފައިވާ ގޮތުގައި އޭރު މާލޭގެ ބޮޑުފާރުން ބޭރުގައި އެފަދަ އެއާޕޯޓެއް ހަދާނެ ޖާގަ އޮތެވެ.
އިނގިރޭސިންގެ ޚަރަދުގައި ހުޅުލޭގައި ހެދި ކުޑަ އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ވެސް ހިންގަމުން ގެންދިޔައީ އިނގިރޭސިންނެވެ. އެތަނަށް ޖައްސަނީ އިނގިރޭސިންގެ ބޯޓުފަހަރެވެ. ދިވެހި ސަރުކާރަށް އޮތް ފައިދާ އަކީ ބޭނުންވާ ވަގުތު ސަރުކާރުން ބޭނުންވާ ފަރާތަކަށް ވައިގެ މަގުން ސިލޯނާ ރާއްޖެއާ ދެމެދު ދަތުރު ކުރުމުގެ ފުރުސަތު ލިބޭ ކަމެވެ.
އެ ދުވަސްވަރަކީ ދިވެހި ސަރުކާރުން މަޖީދިއްޔާ އާއި އަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފަށައިގެން އުޅުނު ދުވަސްވަރެވެ. ކިޔަވާ ދެއްވާ ލަނަކާގެ ޓީޗަރުންގެ ދަތުރު ފަތުރުގެ ކަންތައް ހުޅުލޭ އެއާޕޯޓުގެ ޒަރީއާއިން އިނގިރޭސިން ހަމަޖައްސައިދޭ ގޮތަށް އޮތް އޮތުމަކީ ބޮޑުވަޒީރު އިބްރާހިމް ނާސިރު އެކަމަށް ވަރަށް ބޮދަށް ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވި ކަމެއް ކަމުގައިވި އެވެ.
އެހެން ނަމަވެސް މާގިނަ ދުވަހަކު މިކަން މިގޮތަށް އޮމާންކޮށް ދެމިއެއް ނޯތެވެ. ބޯޓުން ގެންނަން އެއްބަސްވާ މީހުނަށް ޖާގަ ނުލިބިގެން ނާދެވޭކަން ސަރުކާރަށް ރޭކާ ލާ ވަރު ވެސް ވަނީ އަންނަ ބޯޓެއް އައިސް އެބޯޓުން އަންނަންވާ މީހުން ނާންނަކަން އެނގޭ ހިސާބުންނެވެ.
އެ މައްސަލަ ހައްލު ކުރެއްވުމަށް ގަސްދުކުރައްވައި ނާސިރު ބޭނުންފުޅުވެ ވަޑައިގަތީ އެއާ ސިލޯނުގެ ޗާޓަރު ފްލައިޓެއް ހުޅުލެއަށް ގެންނެވުމަށެވެ. އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އޭރު ސަރުކާރުގެ ފަރާތުން ބޭރާ ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އިސްކޮށް ހުންނަވާ ކޮލި އަލި މަނިކު ލަންކާ އިން މާލެ އައުމަށް އެންގެވި އެވެ. ބޭނުމަކީ އެ ދުވަސްވަރު ވަޔަލެސް މެދުވެރިކޮށް ދައަކާ ވާހަކައަށް އިނގިރޭސިން ފާރަލާކަން އެނގޭތީ ނާސިރު ބޭނުންވެވަޑައިގަންނަވާ ކަންތައް ސީދާ އަލި މަނިކާއެކު މަޝްވަރާކުރެއްވުމެވެ.
އަލި މަނިކު މާލެ ދުރުވުމާއެކު ނާސިރު އެދިވަޑައިގެންނެވީ އެއާ ސިލޯނުގެ ޗާޓަރު ފްލައިޓެއް ހުޅުލެއަށް ޖެއްސޭނެ ގޮތެއް ހަމަޖައްސައި ދޭށެވެ.
ނާސިރު ވިދާޅުވީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަވައިފައި ލިބޭ ޖަވާބެއް ހިއްޕަވައިގެން ސީދާ އަލި މަނިކު މާލެ ދުރުވުމަށެވެ. ލަންކާއަށް އަލި މަނިކު ދުރުވެ ލަންކާގެ އޭވިއޭޝަންގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ދާދި އަވަހަށް މާލެ ދުރުވިއެވެ ލަނަކާގެ ޖަވާބު ހިއްޕަވައިގެނެވެ.
އެ ޖަވާބަކަށް ވީ އެއާ ސިލޯނުގެ އިސް ބޭފުޅެއްް ކަމުގައިވާ ކެޕްޓަން ފަޑިނާންޑް ހުޅުލޭ އެއާޕޯޓު ބައްލަވާލެއްވުމަށް ފަހު އޭނާ އޯކޭ ދެއްވައިފި ނަމަ އެއާ ސިލޯނުގެ ބޯޓުފަހަރު ރާއްޖޭގައި ޖައްސާނެކަމުގަ އެވެ.
އެކަމާ ވަރަށް އުފާ ކުރައްވައި ނާސިރު އަލިމަނިކަށް ވިދާޅު ވީ މިހާރު މިއޮތީ ރާއްޖޭގައި ބައިސްކޯފު ދައްކަން ވެސް ފެށިފަ ނޫން ހެއްޔެވެ. އެހެންކަމުން ކެޕްޓަން ފަޑިނާންޑު ރާއްޖެ އަންނަން ވާނީ ޕްރޮޖެކްޓަރު އިންޖިނިއަރެއްގެ ގޮތުގައި ކަމަށެވެ.
ބައިސްކޯފު ދައްކާ ޕްރޮޖެކްޓަރު އިނޖިނޭރު ހުޅުލެއަށް ގޮސް އެއާޕޯޓު އެއާ ސިކޯނުގެ ބޯޓު ޖެއްސުމަށް އޯކޭ ދިނެވެ. އެ ހިސާބުން ލަންކާގެ އޭވިއޭޝަނާ ގުޅިގެން އެއާ ސިލޯނުގެ މަތިންދާ ބޯޓެއް ހުޅުލެއަށް އަންނަން ހުރިހާ ކަމެއް ހަމަ ޖެހުނެވެ. ކަންތައް އެހިސާބަށް ގެންދިޔަ އިރު ވެސް ހުޅުލޭ އެއާޕޯޓުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔަ އިނގިރޭސިންނަށް ކަމެއް ވާކަން ނޭނގި އޮތް ކަމުގައި ވިޔަސް ލަންކާ ބޯޓު އަނަނަން ހަމަޖެހުނު ކަން އިނގިރޭސިންނަށް އެންގި އެވެ. އަދި އެކަމަށް ބޭނުންވާ ކަންތައް ފުރިހަމަކޮށް ދިނުމަށް ވެސް ދިވެހި ސަރުކާރުގެ ފަރާތުން އެދުނެވެ. ނަމަވެސް އިނގިރޭސިން އެ ކަމަކަށް އެއްބަހެއް ނުވި އެވެ.
ބަހަނާއަކަށްވީ ހުޅުލޭ އެއާޕޯޓަކީ އިނގިރޭސިންގެ ބޯޓުފަހަރު ޖައްސަން ހަދާފައި އޮތް ތަނަކަށްވުމުން އެތަނުގައި އެހެން ބައެއްގެ ބޯޓެއް ޖެއްސުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ. އިނގިރޭސިންގެ ބަހަނާއަކަށް ނުބަލައި ސަރުކާރުގެ ޕްލޭން ކުރިޔަށް ގެންގޮސް ބޯޓު ޖައްސާ ދުވަސް ޖެހުމުން ވެސް އެކަމަށް ހުރަސް އެޅޭތޯ އިނގިރޭސިން މަސައްކަތް ކުރި އެވެ. އެގޮތުން އެ ދުވަހު ބޯޓެއް ޖައްސާ ވަރަށް ވުރެ މޫސުމް ގޯސްކަމުގައި ބުނެ ބަހަނާ ދެއްކި އެވެ.
އެ ވާހަކައަށް ބެލުމެއް ނެތި އެއާ ސިލޯނުގެ ބޯޓު ލަންކާއިން ފުރައިގެން ހުޅުލެއަށް މިސްރާބު ޖެހި އެވެ. ބޯޓަށް ބޭނުންވާ ވެދާ ރިޕޯޓު ދިނުމަށް ދިވެހި ސަރުކާރުން އެންގި ކަމުގައި ވިޔަސް އިނގިރޭސިން އެކަމަށް ވެސް ދެކޮޅު ހެދި އެވެ. އެ މަސްއޫލިއްޔަތު އަދާކުރީ ޕްރޮޖެކްޓް އިންޖިނޭރެއްގެ ނަމުގައި މާލެ ގެނެސް ހުރި ލަންކާ އޭވިއޭޝަންގެ ކެޕްޓަން ޕަޑިނާންޑެވެ.
ހުޅުލޭގައި އިނގިރޭސިން އެޅި އެއާޕޯޓަށް އިނގިރޭސީން ނޫން ބައެއްގެ ބޯޓެއް ފުރަތަމަ ޖެއްސުމަށްޓަކައި ލަންކާއިން ނައްޓާލި ބޯޓުގެ ކެޕަޓަނަކަށް ހުރީ ލަންކާ އޭވިއޭޝަނުގެ ނައިބެއް ކަމުގައިވާ މިސްޓަ ވެލަގެދަރާ އެވެ.
ކެޕްޓަން ފަޑިނޭންޑުގެ ވެދަ ރިޕޯޓާއެކު ވެލަގެދަރާ ދުއްވި ބޯޓު ހުޅުލޭ އެއާޕޯޓަށް ޖެއްސިއިރު އެއާޕޯޓު ހިންގުމުގައި ހަރަކާތްތެރިވާ އިނގިރޭސިންގެ އެކަކު ވެސް ހުޅުލެއަށް ނުދެ އެވެ. ބޯޓަށް ބޭނުންވާ ސިގްނަލްތައް ދިނީ ދިވެހިންނެވެ. އެއާއެކު އިނގިރޭސިން ހުޅުލޭ އެއާޕޯޓު މެދުވެރިކޮށް ދިވެހިސަރުކާރަށް ކުރަމުން އައި ޖެއްސުން ނިމުނީ އެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކަށް ވެސް ދިވެހިންގެ އަބުރާ ކަރާމަތަށް ބެހުމުގެ ފުރުސަތު ނުދެއްވާނެކަން ދިވެހިންގެ ވެރިޔަކަށް ހުންނެވި އިބްރާހިމް ނާސިރު ދައްކަވައި ދެއްވީ ހިކުމަތްތެރިކަމާއެކުގަ އެވެ.