ފިލްމެއްގެ ޝޫޓިންގެ ތެރެއިން ދިމާވި ކަމަކުން ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުން ނުވިކަން ކޮމެޑީ ރޯލުންތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ޝަކްތީ ކަޕޫރު ބުނެފި އެވެ.
ސޮނީ ޓީވީއިން ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ވާހަކަ ދައްކަވަމުން ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވިލަންއެއްގެ ރޯލުތައް ވެސް ކުޅެފައިވާ އެކްޓަރު ޝަކްތީ ބުނީ "މަވާލީ" ފިލްމުގެ ޝޫޓިން ތެރެއިން ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ފިލްމީ ދާއިރާ ދޫކޮށްލަން ބޭނުންވި ކަމަށެވެ.
އެއީ އެފިލްމުގައި ފެނިގެންދާ އެކްޓަރު ކާދަރު ޚާން އާއި އަރޫނާ އިރާނީ އޭނާ ގައިގައި ޖެހުމުން ކަމަށް ޝަކްތީ ބުންޏެވެ.
"ފިލްމުގައި އަހަރެންގެ ފުރަތަމަ ޝޮޓް ދެމުން ދިޔައިރު ކާދަރު ޚާން އަހަރެންގެ ގައިގައި ތަޅައި އަހަރެން ބިންމައްޗަށް ވައްޓާލި. ދެން ދެވަނަ ޝޮޓުގައި އަރޫނާ އިރާނީ އަހަރެންގެ ގައިގައި ތަޅައި އަހަރެން ބިންމައްޗަށް ވައްޓާލި. ތިންވަނަ ފަހަރު ވެސް ހަމަ އެގޮތަށް،" އެ ފިލްމުގެ ހަނދާ އާކުރަމުން ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރުގެ ބައްފަ ޝަކްތީ ކަޕޫރު ބުންޏެވެ.
ޝަކްތީ ބުނީ ފިލްމީ ދާއިރާގައި މަޑުކުރީ އެ ފިލްމުގައި ފައިޓް މާސްޓަރަކަށް އުޅުނު ފަރާތްތުން އޭނާއަށް ވިސްނައިދިނުމުން ކަމަށެވެ. އަދި ފިލްމުތަކުގައި އެފަދަ ރޯލުތައް އޭނާއަށް ވެސް ކުޅެވިދާނެކަން ޔަގީންކަން ދިނުމުން ކަމަށް ވެސް ޝަކްތީ ބުންޏެވެ.
"މަވާލީ" އަކީ 1983 ވަނަ އަހަރު ނިކުން ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔަބީއެއް ހޯދި ފިލްމެކެވެ.
މީގެ އިތުރުން ޝަކްތީ ބުނީ އޭނާ ފިލްމީ ދާއިރާއަށް ނިކުތީ ބަތަލެއްގެ ރޯލު ކުޅެން ކަމަށާއި އެހެން ނަމަވެސް އޭނާގެ ހުވަފެއް ހަގީގަތަކަށް ނުވި ކަމަށެވެ.
ޝަކްތީ ބަތަލެއްގެ ރޯލުން ފިލްމުތަކުން ފެނިގެން ނުދިޔަ ނަމަވެސް ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ފިލްމުތަކުގައި އައިކޮނިކް ވިލަންގެ ރޯލުންތަކުން ވަނީ ފެނިގެން ގޮސްފަ އެވެ.
1975 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޝަކްތީ އަކީ ވިލަން ރޯލުތަކުގެ އިތުރުން ކޮމެޑީ ރޯލުންތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.