ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ނައްޓާލައިގެން، ރާއްޖޭގެ އެކި ރިސޯޓުތަކަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ޓޫރިސްޓުންނެއް އުފުލާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލައިޓްތަކަށް ދަތުރެއް ނުކުރެވި، ހުރިހާ ބޯޓެއް އެއްގަމަށް އެހެލާނެ ކަމަށް ދުވަހަކު ވެސް ބަޔަކު ހިތަށް ނާރާނެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަސްވަރު ޓީއެމްއޭގެ ސީޕްލޭންތައް އެއްގަމަށް އެހެލާފައި.

ކޮވިޑް- 19ގެ ރޯގާގެ ބަނަ ވިލާގަނޑު ރާއްޖެއަށް ފޯރުމުން އެކަމުގެ އެންމެ ނޭދެވޭ އަސަރުކުރި އެއް އެއާލައިނަކީ ޓީއެމްއޭ އެވެ. މި ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗްމަހުގެ ފަހުކޮޅު ބަންދުކުރިއިރު، 50 އަށް ވުރެ ގިނަ ސީޕްލޭނާއެކު އޮޕަރޭޓްކުރާ އެއާލައިނުގެ ބޯޓަށް ޖެހުނީ އެއްގަމަށް އެހެލައި، ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލާށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް މިއީ މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. މި ގެއްލުމުން އަރައިގަނެ އެ ކުންފުނީގެ "ވަރަ" އަލުން ފުޅާކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލައިގެން ދަނީ. ފޮޓޯ: ފައިޒަން މުހައްމަދު

ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލާ ޓީއެމްއޭއަށް ހިތްހަމަޖެހުމެއް ލިބެން ފެށީ މިދިޔަ ޖުލައި 15 ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ޓޫރިސްޓުން އަންނަން ފެށުމުންނެވެ. އެއާއެކު އެ އެއާލައިންގެ އޮޕަރޭޝަން އަލުން ފެށި އެވެ. ނަމަވެސް އަދިވެސް ހަމަޖެހުމުގެ ނޭވައެއް ނުލެވެ އެވެ. ގޮންޖެހުންތައް ގިނަ އެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ބޭރުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ

"އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވި މި ބޮޑު ގެއްލުމުން އަރައިގަތުމަށް އަޅުގަނޑުމެންނަށް ވެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން. އިރާދަކުރެއްވިޔާ މަންޒަރު މިހާރު މިފެންނަނީ ވަރަށް އުޖާލާކޮށް. މަހަކަށްފަހު މަހެއް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން،" ޓީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އޭޔޫއެމް ފައުޒީ "ހުރިހާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިއަދު ވިދާޅުވި އެވެ.

ދަތުރުތައް އަންނަނީ އިތުރުވަމުން

ފައުޒީ ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަ އެއާލައިންތަކާއި ޓޫރިސްޓުން އިތުރުވަމުން އަންނާތީ ޓީއެމްއޭގެ ދަތުރުތަކުގެ 50 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް 60 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިހާރު މިއުޅެނީ 50 ޕަސެންޓްގައި. އެކަމަކު މިމަސް އަދި މިފެންނަނީ ވަރަށް ރަނގަޅުވަމުން އަންނަ ތަން. އެހެންވީމަ ޑިސެމްބަރު މަހުގެ ނިޔަލަށް ނުވަތަ ޖެނުއަރީ މަހު ނިޔަލަށް 70 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،" ވަރަށް މަދުން ނޫނީ އިންޓަވިއު ނުދެއްވާ ފައުޒީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިހާރު މިއުޅެނީ 50 ޕަސެންޓްގައި. އެކަމަކު މިމަސް އަދި މިފެންނަނީ ވަރަށް ރަނގަޅުވަމުން އަންނަ ތަން. އެހެންވީމަ ޑިސެމްބަރު މަހުގެ ނިޔަލަށް ނުވަތަ ޖެނުއަރީ މަހު ނިޔަލަށް 70 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،
ސީއީއޯ ފައުޒީ

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ މާކެޓަކީ އެއްވެސް ގޮތަކަށް އަމިއްލަ ކޮންޓްރޯލެއް އޮންނަ ކަމެއް ނޫން ކަމަށެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ނައްޓާލަނީ. ޓޫރިޒަމް އަލުން ރަނގަޅުވާން ފެށުމުން ދަތުރުތައް އަންނަނީ އިތުރުވަމުން.

"މީގެ ހުރިހާ ކަމެއް ޑިޕެންޑް ވަނީ ސޯސްމާކެޓަށް. އެހެންވީމަ މިހާރަށް ވުރެ ފްލެކްސިބަލް ވާންޖެހޭ،" ފައުޒީ ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ޖެހޭ ވާހަކަ އެވެ. އެ އެއާލައިނަށް ފެންމަތީ ދެމި އޮވެވެނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަދަދު އިތުރުކުރެވިގެން ކަމަށްވާތީ އެވެ.

"މިހާރު ފެންނަނީ ވަރަށް އުއްމީދީ މަންޒަރުތަކެއް. މާދަމާ ވާނެ ގޮތެއް ނޭނގެ. މިއީ އަހަރެމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން،" ފައުޒީ ވިދާޅުވި އެވެ.

އޭނާގެ ދުޢާއަކީ މި ބަލިމަޑުކަމުން ވީހާ ވެސް އަވަހަށް އަރައިގަނެ، ރާއްޖޭގެ ޓޫރިޒަމް ކުރިން އޮތް ހާލަތަށް ރުޖޫއަވުމެވެ.

"އަޅުގަނޑު ﷲއަށް ދުއާކުރަން މިކަން ވީހާ ވެސް އަވަހަކަށް ރަނގަޅުވުމަށް އެދި. ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިތަނބު. މިއާ ނުލައި ދިވެހިންނަށް ދިރިއުޅެން ވަރަށް ދަތިވާނެ،" ފައުޒީ ވިދާޅުވި އެވެ.

އޭނާ އުއްމީދުރަނީ ޔޫރަޕްގެ ބޮޑެތި މާކެޓްތަކާއި ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވުން އެއާލައިންތައް އުދުހިގަންނަތައް ފެނުމެވެ.

"ޔޫރަޕް ހުޅުވައިފިނަމަ 60 ޕަސެންޓަށް ދަތުރުތައް އަރާނެ. މިކަން ރަނގަޅަށް މެނޭޖްކޮށްފި ނަމަ އަންނަ ޖެނުއަރީ މަހު ވެސް ކުރިން ލަފާކުރި މިންވަރަށް ޓޫރިސްޓުން އުފުލޭނެ،" ފައުޒީ ވިދާޅުވި އެވެ.

ރާއްޖެއަށް މިވަގުތު ޓޫރިސްޓުން އެންމެ ގިނަ ގައުމުތަކަށް އިޝާރާތްކުރައްވައި ފައުޒީ ވިދާޅުވީ އިނގިރޭސިވިލާތް އަނެއްކާ ވެސް ބަންދުކޮށްފި ނަމަ އެ އެއާލައިންގެ ދަތުރުތަކުގެ 15 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ.

"މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަި ރަޝިއާ، ޔޫކޭ، އިންޑިއާ. މީގެ ތެރެއިން އިނގިރޭސިވިލާތް އެކަނި ހުއްޓާލައިފި ނަމަ އެއީ 15 ޕަސެންޓްގެ ދަށްވުމެއް،" އޭނާ ވިދާޅުވި އެވެ. "ޗައިނާ ހުޅުވައިފި ނަމަ އަދި މިއަށްވުރެ ދަތުރުތައް ގިނަވާނެ."

ދަތުރުތައް މެދުކަނޑާލި މަރާމާތަށް ޚާއްސަ ސަމާލުކަމެއް ދިން

ޓީއެމްއޭގައި ދަތުރުކުރާ ހުރިހާ ބޯޓެއްގެ ދަތުރުތައް އެއްފަހަރާ ހުއްޓާލުމަކީ އެ ކުންފުނީގެ ތާރީހުގައި ދުވަހަކު ވެސް ހިނގި ކަމެއް ނޫނެވެ. ނަމަވެސް މި ބަލިމަޑުކަމުގައި ބޯޑަރު ބަންދުކުރުމާއެކު އެ ކުންފުނީގެ ހުރިހާ ބޯޓެއް މަރާމާތުކޮށް ބަލަހައްޓަން އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. އެއީ ކޮންމެ ދުވަހަކު އުދުހި އުދުހި އޮތް 50 އަށް ވުރެ ގިނަ ބޯޓުތައް ދަތުރުތައް ނުކުރިޔަސް ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ހަދާފައިވާ މިންގަނޑާއެއް ގޮތަށް ބޯޓުތައް މަރާމާތުކޮށް ބަލަހައްޓަން ޖެހޭތީ އެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓަކުން އުދުއްސާލަނީ. ފޮޓޯ: ޓީއެމްއޭ

އެހެންވެ އެ ބޯޓުތައް އެހެލާފައި ބެހެއްޓުމުން ގިނަ ބޯޓުތަކެއް އެއް ފަހަރާ މަރާމާތުކުރަން ޖެހުނެވެ. އަދި ދަތުރުތައް އަލުން ފެށުމަށް ބޯޓުތައް މޫދަށް ބޭލިއިރު އެއްވެސް ބޯޓެއްގެ ޓެކްނިކަލް މައްސަލަ ދިމާވެފައެއް ނުވެ އެވެ.

"ހުރިހާ ބޯޓެއް މަރާމާތުކުރުމަށްފަހު މިވަގުތު 47 ބޯޓު އޮޕަރޭޝަންގައި އެބައޮތް. އަބަދުވެސް މެއިންޓަނަސްގައި ދެތިން ބޯޓު އޮންނާނެ. އެހެން ނަމަވެސް ޖުމްލަކޮށް މުޅި ފްލީޓް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި،" ފައުޒީ ވިދާޅުވި އެވެ.

މަޖުބޫރު ފިޔަވަޅުތަކެއް އަޅަން ޖެހުނު

ސިއީއޯ ވިދާޅުވީ މި ދަތިދަނޑިވަޅުގައި އަޅަން ޖެހުނު އެންމެ އުނދަގޫ ފިޔަވަޅަކީ މުސާރަތައް ކުޑަކުރުމާއި ކުންފުންޏަށް އެތައް އަހަރެއްގެ އިހުލާސްތެރި މަސައްކަތްކުރި ގިނަ އަދަދެއްގެ މުވައްޒަފުން ވަގުތީ ގޮތުން ދޫކޮށްލަން ޖެހުމެވެ. އަދި އެ ފިޔަވަޅު އެ ވަގުތު ނޭޅި ނަމަ ކުންފުންޏަށް އިޔާދަނުކުރެވޭ ވަރުގެ މާލީ ބޮޑު ގެއްލުމަކާ ކުރިމަތިވާނެކަމުގެ ބިރު ހީވި އެވެ.

"އަޅުގަނޑުމެންގެ ލޯކަލް ސްޓާފުން [ދިވެހި މުވައްޒަފުން] ވަކި ނުކުރަން. ލޯކަލް އެއްވެސް ކެޕްޓަނެއް ކޯ ޕައިލެޓް ވަކިނުކުރަން. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވެސްވި،" ފައުޒީ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ލޯކަލް ސްޓްފުން [ދިވެހި މުވައްޒަފުން] ވަކި ނުކުރަން. ލޯކަލް އެއްވެސް ކެޕްޓަނެއް ކޯ ޕައިލެޓް ވަކިނުކުރަން. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވެސްވި،
ފައުޒީ

އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް މުވައްޒަފުން އަނބުރާ ވަޒީފާއަށް ނެރެން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 90 ޕަސެންޓް މުވައްޒަފުން އަލުން ވަޒީފާއަށް ގެނެސްފައިވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

"މި މަސް ނިމެންވާއިރަށް ހުރިހާ އެންމެން ނެރެވޭނެ ކަމަށް އުއްމީދުކުރަނީ. ކަންކަން ރަނގަޅުވާނެ އަޅުގަނޑުމެން މި އުއްމީދުކުރަނީ ކުރިން ވެސް ފާހަގަކުރި ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ގެއްލުމުން އަރައިގަންނަ ތިން އަހަރު ނަގާނެ

ފައުޒީ ދެކެވަޑައިގަންނަވާ ގޮތުގައި އެ އެއާލައިނަށް މި ބަލިމަޑުކަމުގައި ލިބުނު ގެއްލުން އެތައް މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި އެ ގެއްލުމުން އަރައިގަންނަން ދޭއް ނުވަތަ ތިން އަހަރު ނަގާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ހަމަޔަގީނުން ވެސް 2021 ގައި މި ގެއްލުން ރިކަވާ [އިޔާދަ] ނުކުރެވޭނެ. ދެ އަހަރު ނޫނީ ތިން އަހަރު އެންމެ މަދުވެގެން ވެސް ނަގާނެ ކަމަށް ލަފާކުރެވޭ،" ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ ކުންފުނީގެ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެއާލައިންތަކާއި ރިސޯޓުތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އެ ގެއްލުން އިޔާދަކުރެވޭނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ލުއިތަކެއް ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

ޓީއެމްއޭގެ ސީޕްލޭނަކުން ފަސިންޖަރުންތަކެއް ފައިބަނީ: ފޮޓޯ: ޓީއެމްއޭ

"އަޅުގަނޑުމެން ވެސް މިދަނީ ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އިންޑަސްޓްރީއަށް ދެމުން. އެގޮތުން މިހާރު ވަނީ ދަތުރުތަކުގެ އަގު ހެޔޮކޮށްފައި. މުޅި އިންޑަސްޓްރީގެ އެހީގައި މިކަމުން އަރައިގަނެވޭނީ،" އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަނެވޭނީ ކަންކަން ވަރަށް ރަނގަޅަށް ޕްލޭންކޮށް، މެނޭޖްކޮށްގެން ކަމަށެވެ.

"ވަރަށް މުހިންމުކަމެއް ކަންކަން ރަނގަޅަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިއުމަކީ. އެހެންނޫނީ މިވަރުގެ ބޮޑު ގެއްލުމަކުން އަރައިގަންނަން ފަސޭހައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ މި ބަލިމަޑުކަން ރާއްޖެއަށް އައުމުގެ ކުރިން ކުންފުނީގެ ފްލީޓަށް އިތުރު ފަސް ބޯޓު ގެންނަން އޮތީ ނިންމާފައި ކަމަށެވެ. ނަމަވެސް މިހާރު ކަންތައްތައް ކުރިޔަށްދާ ގޮތުން އިތުރު ބޯޓެއް ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ރިސޯޓުތަކެއް ހުޅުވާތީ 2020 ގައި ބޯޓުތައް އިތުރުކުރަން ނިންމާފައި އޮތީ. އެކަމަކު އަޅުގަނޑުމެންނަށް ނޭނގެ އާ ރިސޯޓްތަކެއް ހުޅުވާނީ ކޮންއިރަކު ކަމެއް،" ފައުޒީ ވިދާޅުވި އެވެ.

މަތިން އެ ފެންނަ ފޮޓޯއަކީ މާޒީ ކަމަށް ބަލަމާ ހިނގާށެވެ. ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ކުރެވޭ އުއްމީދު ބޮޑެވެ. އެއީ ފައުޒީ އާއި ޓީއެމްއޭ އިން ވެސް ދެކެން ބޭނުން ދުވަހެވެ.