ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން އދ. މާމިގިލީ ކޯޓުގެ ނަމުގައި އަމުރެއް ތައްޔާރުކުރި މައްސަލާގައި އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި އެވެ.

ޔާމީން ރައީސް ކަމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ސައްހަ ނޫން އަމުރެއް ތައްޔާރުކޮށް އެމަނިކުފާނު ހައްޔަރުކޮށް ބަޣާވާތެއް ކުރުމަށް އެމްޑީޕީ އިސްވެ އޮވެ އޭރު މަސައްކަތް ކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނިހާންއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ނިންމާފައި ވަނީ، ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު ނިހާން ދީފައިވާކަން ސާބިތުވާކަމަށެވެ.

ނިހާންގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ޚިލާފަށް އޭނާ ކޮށްފައިވާ އަމަލެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނިހާންއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެ މައްސަލާގައި ނިހާނަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.