ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލަށް ބަހުސް ކުރުމަށް މިއަދު މަޖިލީހުގެ މުޅި ކޮމިޓީ ކުރިއަށްދަނިކޮށް މަޖިލިސް ހޫނުވެއްޖެ އެވެ.

މަޖިލިސް ހޫނުވެ މެމްބަރުން ނިޒާމު ގެއްލުވާލީ ބިލު ފާސްކުރަން އެމްޑީޕީން ނެރެފައިވާ ތްރީ ލައިން ވިޕްގެ ވާހަކައާއެކުގަ އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލިސްގެ މުޅި ކޮމިޓީ ހިނގަމުންދަނިކޮށް ކޯރަމް ގެއްލުވާލާ ބައްދަލުވުމެއް ބާއްވާ އެމްޑީޕީން ބިލު ފާސްކުރުމަށް ވިޕު ނެރެފައިވާ ކަމަށެވެ. ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި އޮއްވައި މަޖިލިހުގައި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނިންމުމުން ސުވާލު އުފެދޭ ކަމަށެވެ. އޭގެ ފަހުން ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބިލާ ގުޅޭގޮތުން ވޯޓަށް އަހާނީ ކަމާގުޅުހުންހުރި ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށްފަހު ކަމަށާއި، އޭގެ ކުރިން ވޯޓަށް ނާހާނެ ކަމަށެވެ.

އެއާއެކު ރައީސް ނަޝީދާ ދެކޮޅު މެމްބަރުން ވަނީ "ނުގެނެވޭނެ" ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަން ފައްޓަވާފަ އެވެ. އަދި ބައެއް މެންބަރުން ވަނީ ގޮނޑިން ތެދުވެވަޑައިގެން ރިޔާސަތު ކުރިމަތީގައިވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

އާޒިމްގެ ވާހަކަ ކުރިއަށް ގެންދެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެންދެވީ ވަރަށް ބޮޑަށް އަޑު ގަދަ ކުރައްވަމުންނެވެ. އެގޮތުން އާޒިމަށް ދެއްވީ "އުސޫލީ މައްސަލައެއް" ކަމެއް "ނިޒާމީ މައްސަލައެއް" ކަން އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އަދި ކޮމިޓީގައި މިގޮތަށް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވޭނެ ކަމަށް އަނދުން ހުސެއިން ވިދާޅުވި އެވެ

ރައީސް ނަޝީދު ފަހުން ވެސް ވިދާޅުވީ މިކަމާ ގުޅުން ހުރި ބޭފުޅުން ހާޒިރުކޮށްގެން ނޫނީ މިކަން ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންވެ، މާދަމާ މި ބޭފުޅުން ކޮމިޓީ އަށް ގެންނަވާނެ ކަމަށާއި އެ ބޭފުޅުންނަށް މިހާރު ދަންނަވާފައި ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ފާހަގަ ކުރައްވާފައި ވަނީ މަޓީ، ފިނޭންސް މިނިސްޓަރު، ޗެމްބަރ އޮފް ކޮމާސް އާއި ގެސްޓްހައުސް އެސޯސިއޭޝަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

.