ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު ފްރެންޗައިޒް "ނާގިން" ގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިފިލްމު ލަސްކުރެވިފައިނުވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނިކިލް ދުވެދީ ބުނެފި އެވެ.

2020 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ފަހުކޮޅު އިއުލާނުކުރ މިފިލްމުގެ މަސައްކަތް ފެށުން ލަސްވެފައި ވަނީ މި ފިލްމުގައި ވަރަށް ވަރުގަދަ ވީއެފްއެކްސް (ވިޝުއަލް އެފެކްޓްސް) އެކުލެވޭ ފިލްމެއްކަމުން ފިލްމު ފެށުމަށް ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާތީ ކަމަށް މީޑިއާގައި މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް ޕްރޮޑިއުސަރު ނިކިލް ދުވެދީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ބައިގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ނިކިލް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެކަމުގެ ތައްޔާރީތައް ވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ނިކިލް ބުންޏެވެ.

ބަތަލާ ޝްރައްދާ ކަޕޫރު

މި ޒަމާނަށް ފައްތައިގެން "ނާގިން" އަލުން ބޮޑު ސްކްރީނަށް ގެންނަން ނިންމި އިރު، މީގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ނުޝްރަތު ބަރޫޗާގެ ބިރުވެރި ފިލްމު "ޗޯރީ" ގެ ޑައިރެކްޓަރު ވިޝާލް ފޫރިއާ އެވެ.

މިފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަތަލާ ޝްރަދާ ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިއިރު ވަރަށް ބޮޑު ޝައުގުވެރިކަމާއެކު ފިލްމު "ނާގިން" ބެލި ކަމުގަ އެވެ. އަދި މިފަދަ އައިކޮނިކް ފިލްމެއްކުޅެން އަބަދުވެސް ޝައުގުވެރިވާ ކަމަށް ބަތަލާ ވަނީ ބުނެފަ އެވެ.

ހާއްސަކޮށް ބަތަލާ ސްރީދޭވީގެ އައިކޮނިކް ރޯލް ކުޅެން ލިބުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެއްކަމަށް ޝްރަދާވަނީ ބުނެފަ އެވެ.

2020 ވަނަ އަހަރު ފިލްމު "ބާޣީ3" އިން ފެނިލުމަށްފަހު ބަތަލާ ޝްރަދާގެ ފިލްމެއް އަދި ރިލީޒްނުވެ އެވެ.

ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ މާރޗްމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލަވް ރަންޖަންގެ ފިލްމަކުންނެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގައި ޝްރަދާއާއެކު ފެނިގެންދާނީ އެކްޓަރު ރަންބީރް ކަޕޫރެވެ.