ލަންޑަން (18 އޮކްޓޯބަރު) - ދާދިފަހުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމަށް އިސްވި ލިޒް ޓްރޫސް މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ހަފްތާތަކުގެ ތެރޭގައި ހެދިފައިވާ ގޯސްތަކަށް އެކަމަނާ މައާފަށް އެދިއްޖެ އެވެ.
ޓްރޫސްގެ ހިންގެވުމުގެ ދަށުން ސަރުކާރުން ނިންމި ބައެއް ނިންމުންތަކާއެކު އިނގިރޭސި ވިލާތުގެ އިގްތިސާދު ނުރައްކަލަށް ހުށައެޅިފައިވާއިރު އެ ނިންމުންތައް ބަދަލުކޮށް ސިޔާސަތުތައް އިސްލާހު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޯސްތަކެއް ހެދިފައިވާކަން ގަބޫލު ކުރަން. މިހާރު އެ ގޯސްތައް ވާނީ ރަނގަޅު ކުރެވިފައި އަދި ސިޔާސަތުތައް ވެސް ވާނީ އިސްލާހު ކުރެވިފައި،" ޓްރޫސް ވިދާޅުވި އެވެ.
ޓްރޫސްގެ ހިންގުމަށް އިނގިރޭސި ވިލާތުގެ އެތެރެއިންނާއި ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ބޮޑު ވަޒީރުގެ ގޮތުގައި ޓްރޫސްގެ ދުވަސްތައް މަދުވަމުން އަންނަ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އިނގިރޭސި ވިލާތުގެ އިގްތިސާދު ކީނަރުވެފައިވާ މި ދަނޑިވަޅުގައި ޓްރޫސްގެ ސަރުކާރުން ޓެކްސް ނަގަން ނިންމި ނިންމުމަކީ އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރި ނިންމުމަކަށެވެ.
މަގާމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޓްރޫސްގެ ފރާތުން މިފަދަ ނިންމުންތަކެއް އައުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ އަޑު އުފުލަން ފަށައިފަ އެވެ.