އޮރެންޖު ތޮށްޓަކީ އެތައް ކަމަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. މިއީ މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މި ފައިދާތައް އެނގޭނަމަ އެއްލާ ނުލާނެކަން ހަމަ ޔަގީނެވެ.
ހަންގަނޑު މާބޮޑަށް ހިކޭ މީހުންނަށް އޮރެންޖު ތޮށީގެ ޕައުޑަރު ބޭނުންކޮށްގެން މޫނުގައި އަޅާނެ ޕެކެއް ފަސޭހަ ކަމާއެކު ތައްޔާރު ކޮށްލެވިދާނެ އެވެ. އެގޮތުން އޮރެންޖު ތޮށީގެ ޕައުޑަރާއި ރޯސް ވޯޓާ (ފިނިފެން)، އަދި މާމުއި އެއްކޮއްލާށެވެ. އަދި ރަނގަޅަށް އެއްކޮށްލުމަށްފަހު މޫނުގައި އަޅާށެވެ. 10-15 މިނެޓު މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. އޮރެންޖު ތޮށީގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ހަންގަނޑު 'މޮއިސްޗަރައިސް' ކޮށްދޭނެ އެވެ.
ސްކަރަބެއް ހަދަން ވެސް އޮރެންޖު ތޮށި ބޭނުން ކުރެވިދާނެ އެވެ. ހަކުރު ސްކްރަބް ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ އޮރެންޖު ތޮށިކޮޅު ގާނާލާށެވެ. އަދި މިކްސްޗަރެއްގައި ގާނާފައި ހުރި ތޮށިކޮޅާއި ހަކުރާއި މާމުއި އަދި ކާށިކިރު އެއްކޮށްލާށެވެ. މި ހަކުރު ސްކްރަބް މޫނުގައި އަދި ފެންވަރާއިރު ގައިގައި ވެސް ބޭނުން ކުރެވިދާނެ އެވެ. މި ސްކްރަބްގެ ސަބަބުން މޫނުމަތިން ވަރުބަލިވެފައި ހުންނަ ކަމުގެ ނިޝާންތައް ފިލުވައިދޭނެ އެވެ.
އޮރެންޖު ތޮށިން ލިޕް ބާމެއް ވެސް ހެދިދާނެ އެވެ. ލިލް ބާމް ހެދުމަށް ބޭނުން ކުރާނީ އޮރެންޖު ތޮށީގެ ޕައުޑަރެވެ. އަދި ބޭނުންކުރާ ޕައުޑަރާ އެއް ވަރަށް ހަކުރު ވެސް ބޭނުން ވާނެ އެވެ. ހަކުރުކޮޅާއި އޮރެންޖު ތޮށީގެ ޕައުޑަރު އަލްމަންޑު ތެލުގައި އެއްކޮއްލާށެވެ. އަދި ބޭނުން ވާރަށް އޮލަ ނުތަވަ ދިޔާ ވަންދެން އަލްމަންޑު ތެޔޮ ބޭނުން ކުރެވިދާނެއެވެ. ލިޕް ބާމް ބޭނުން ކުރުމުގެ ކުރިން ގަނޑު ކުރަން ޖެހޭނެ އެވެ.