ދާހިއްލުމަކީ ޠަބީޢީ ގޮތުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ލައްވަވާފައިވާ ނިޒާމެކެވެ. މާބޮޑަށް ދާހިއްލުން ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމަކީ ބައެއްފަހަރަށް ޖެނެޓިކް ނުވަތަ ވިރާސީ ކަމެކޭ ބުނެވިދާނެ އެވެ.
ދާހިއްލުމަކީ ތަބީޢީ ގޮތުން ހަމަ އާދައިގެ ކަމެކޭ ބުނެވެނީ ހަށިގަނޑުގައި އުފެދޭ ބޭކާރު ބައެއް ބައިތައް ބޭރުކޮށްލުމަށް އުފައްދަވާފައިވާ ނުވަތަ ހަށިގަނޑު ފިނިކުރުމަށް މަސައްކަތްކޮށްދޭ ނިޒާމަކަށްވާތީ އެވެ.
ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލުމަކީ އެއީ މުޅިން ތަފާތު ކަމެކެވެ. މިއީ ގިނަ ފަހަރަށް މީހާ އެކަނިކޮށްލާ ލަދުވެތި ކަމެކެވެ. ގައިން ނުބައި ވަސް ދުވާ މީހަކާ އެކު އުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟
އެގޮތުން އާދަޔާއިޚިލާފަށް ދާހިތްލުން ކޮންޓްރޯލް ކުރުމަށް ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސައިބޯނި ބޭނުންކުރާށެވެ. ހަކީމީ ސައިބޯނި ނުވަތަ ތަންކޮޅެއް ބާރުދެރަ ސައިބޯންޏަކުން ފެންވެރުމުން ދާހިއްލުން ކުޑަކޮށްދޭނެ އެވެ.
މިފަދަ ސައިބޯނި ބޭނުން ކުރުމުގެ އިތުރުން ލޫފާހް ސްޕޮންޖް ނުވަތަ ތޮރާ ނަރުގަނޑު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ގައި އުނގުޅާ ނަރުގަނޑު ބޭނުން ކުރުމުން ދާހިއްލުން ކޮންޓްރޯލް ކުރެވެ އެވެ.
ކިހިލިފަތްދޮށް އުނގުޅުމަށް ނުވަތަ ގައިގެ އެހެނިހެން ހިސާބެއް އުނގުޅުމަށް ވެސް ތޮރާ ނަރުގަނޑު ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ގައި އުނގުޅާ ސާފުކުރުމަށް ބޭނުންކުރާނީ ކުރިން ދެންނެވި ފަދައިން ގުދުރަތީ މާއްދާއެއް އެކުލެވިފައިވާ ސައިބޯންޏެކެވެ. އެއަށްފަހު ތޮރާ ނަރުގަނޑުން ގައި އުނގުޅާނީއެވެ.
ތޮރާ ނަރުގަނޑުން ގައި އުނގުޅުމުން ގައިގެ ހަންގަނޑުގެ މަތީ ފަށަލައިގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެއްޓި އާ ސެލްތަކެއް އުފެދި ހަންގަނޑު ތާޒާވެ އެވެ.
މިދެންނެވި ފަށަލަތައް މަޑުމަޑުން ނެއްޓެމުން ދިއުމުން ކިހިލިފަތްދަށާއި އެހެންވެސް ހިސާބެއްގައި ބަންދުވެފައި ހުންނަ ދާ ބޭރުކުރާ ގްލޭންޑް ރަނގަޅަށް ހުޅުވި ރަނގަޅަށް މަސައްކަތް ކުރަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ މާބޮޑަށް ދާހިއްލުން ކޮންޓްރޯލް ކުރެވި އެކަމުން ސަލާމަތް ވުމެވެ.