ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަކަށް އިއުތިރާފުވެފައިވާތީ، މާދަމާ އޭނާގެ މައްޗަށް ހުކުމް ކުރަން ތާވަލުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އަދަބާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކައިފަ އެވެ. އެއަށްފަހު ޝަރީއަތުން ވަނީ މާދަމާ ހުކުމް ކުރުމަށް ނިންމައިފަ އެވެ.
އަލަމްގީރަށް އުފުލާފައިވާ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކުއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުގެ މަތިން އޭނާއަށް ކުރާ 40 ދައުވާއަށް، ދެ އަހަރާއި 11 މަސް އަދި 15 ދުވަހުގެ ޖަލު ހުކުމެއް އާދެ އެވެ.
އަލަމްގީރު، ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގަ އެވެ.
އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ. ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ގާނޫނުލްއުގުބާތުގެ ދަށުން ދައުވާ ކުރިއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނު ބުނާ ގޮތުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.