ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރިއަން ޚާން ފޮޓޯ ޝޫޓެއްގައި ޝާހުރުކްގެ ޓީޝާޓް ލައިގެން ނެގި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އާރިއަން މިފޮޓޯ ޝޫޓުތައް ނަގާފައިވަނީ ކުޅިވަރު އުފެއްދުންތަކުގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ އެޑިޑާސްގެ އުފެއްދުންތަކެއް އިޝްތިހާރު ކުރުމަށް ނެގި ފޮޓޯތަކެއްގަ އެވެ.
އުމުރުން 24 އަހަރުގެ އަރިއަން އިޝްތިހާރުކޮށްދޭ އެޑިޑާސްގެ އުފެއްދުމަކީ އެ ކުންފުނިން 2015 ގައި ލޯންޗްކުރި ބޫޓް ކަލެކްޝަން އެންއެމްޑީ ވީ3 ގެ އާ ކަލެކްޝަނެވެ.
އާރިޔަންގެ އިންސްޓަގުރާމުގައިވެސް މިފޮޓޯތައް ހިއްސާ ކުރުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ.
ނަމަވެސް މި ފޮޓޯތަކުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ޝާހުރުކް ޚާނަށެވެ.
އާރިޔަންގެ މި ފޮޓޯއަށް ކޮމެންޓްކޮށް ޝާހުރުކް ބުނެފައިވަނީ ފޮޓޯ ވަރަށް ރީތި ކަމަށާއި ބައްޕައެއްގެ ހުނަރު ފިރިހެން ދަރިފުޅުގައި ހުރިކަން ސާބިތުކޮށްދޭ ކަމަށެވެ. އަދި އެއް ފޮޓޯގައި އާރިޔަން ލައިގެން ހުރި އަޅި ކުލައިގެ ޓީޝާޓަކީ ޝާހުރުކްގެ ޓީޝާޓެއް ތޯ ވެސް ސުވާލުކޮށްފައިވެ އެވެ.
މި ސުވާލަށް ޖަވާބުދީ އާރްޔާން ބުނެފައިވަނީ ޓީޝާޓް އަދި ''ޖީން'' ވެސް ޝާހުރުކްގެ ކަމަށެވެ.
މި ފޮޓޯގައި އާރްޔާން ހުރި ޕޯސްއަކީ ޝާހުރުކްގެ ފިލުމު ''މެއި ހޫނާ'' ގައި އޭނާގެ ވެސް ޕޯސްއެކެވެ. އެހެންކަމުން މެއި ހޫނާގައި ޝާހުރުކް ހަމައެގޮތަށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އާރްޔާން އެއީ ހަމަ އޭނާ ކަމަށާއި ބޮޑަށް ވައްތަރީ އޭނާ ކަމަށެވެ.
އަރިއަން މިހާރު ތައްޔާރުވަމުން އަންނަނީ ކެމެރާގެ ފުރަގަހުގައި ފިލްމީ މަސައްކަތްތައް ކުރުމަށެވެ. އެގޮތުން އޭނަގެ ސްކްރީންޕްލޭއަކަށް ހަދާ ވެބް ސީރީޒެއްގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރިއަންގެ ވާހަކަ މި ފަހުން އެންމެ ބޮޑަށް ދެކެވުނީ މަސްތުވާތަކެއްޗާ އެކީ ޕާޓީކުރަނިކޮށް ބުނާ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން އޭނަގެ މައްޗަށް ދައުވާތަކެއް ވެސް އުފުލި އެވެ. ނަމަވެސް ހެކި ނެތިގެން ދައުވާތައް ވަނީ ބާތިލުކޮށްފަ އެވެ.