ހުޅުމާލޭ ފޭސް ދޭއްގައި އިއްޔެ ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަނީ ގިނަ އަދަދެއްގެ ޓިނު ބޭނުންކޮށްގެން އެ ސްކޫލް އިމާރާތްކޮށްފައި ވުމުންނެވެ. އެ ސްކޫލަށް ގިނަ ބަޔަކު ކިޔަމުން ދަނީ "ޓިނު ސްކޫލް" އެވެ.
"ޓިނު ސްކޫލް"ގެ ނަމުން ނަންދީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެމްޑީޕީގެ އެކްޓިވިސްޓުންތައް ސޯޝަލް މީޑިއާގައި ބުނަމުން ދިޔައީ އެއީ ވަގުތީ ސްކޫލެއް ކަމަށެވެ. އަދި ދާއިމީ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޑީޕީ އެކްޓިވިސްޓުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިކަން އެޑިއުކޭޝަން މިނިސްޓްރީން ދޮގުކުރެ އެވެ.
އެ މިނިސްޓްރީން ބުނީ އެއީ ދާއިމީ ސްކޫލެއް ކަމަށެވެ. އެ ސްކޫލާ ޖެހިގެން އަޅަމުންދަނީ އެހެން ސްކޫލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ ދެ ސްކޫލް އަޅަން ހަވާލުކުރީ އެއް ކުންފުންޏަކާ އެވެ. އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އިއްޔެ ހުޅުވި ސްކޫލަށް ވަކިން ހަރަދުވި ވަރެއް މިނިސްޓްރީއަކަށް ބުނެނުދެވުނެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކާމިލްދީދީ ސްކޫލަށް ވަކިން ހަރަދުކުރި ވަރެއް ލިޔެފައި ނެތް ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ އެއީ "ކޮތަރު ކޮށި"ތަކެއްގެ ގޮތުގައި ސިފަކުރި ސަރުކާރަކުން އިމާރާތްކުރި ސްކޫލްތައް އެއަށްވުރެ ފެންވަރު ދަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ބައެއް މީހުން އެ ސްކޫލް ސިފަކުރީ ކޮންސްޓްރަކްޝަން ސައިޓެއްގެ އެކަމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. ބޮޑު ބިމެއްގައި އެފަދަ ފެންވަރުގެ ސްކޫލެއް އެޅުމަކީ ކުރި ބޭކާރު ހަރަދެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
އެފަދަ އާދައިގެ ސްކޫލެއް ގިނަ އަދަދެއްގެ ޓިނު ބޭނުންކޮށްގެން ހެދުމުގެ ބަދަލުގައި އެތަނުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ޒަމާނީ ފެންވަރުގެ ސްކޫލެއް އިމާރާތް ކުރި ނަމަ މާ ރަނގަޅުވީސް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މިކަމަކީ ކޮރަޕްޝަން އެކުލެވިގެންވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
ދިވެހި ބަހުން ތަފާތު އެކި ފޮތްތައް ލިޔުއްވި ބޭފުޅެއް ކަމަށްވާ އަހްމަދު ކާމިލް ދީދީގެ ނަންފުޅު ބޭނުންކޮށްގެން އެފަދަ ކަމެއް ކުރުމަކީ ކާމިލްދީދީ އަށް ވެސް އޮތް ހުތުރެކެވެ.