ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ އާ ދެ ދައުވާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް އެންމެފަހުން ބޭއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ ދައުލަތުން ހުށަހެޅި އޯޑިއޯތައް ޖަލުގައި އަޑުއެހޭނެ އިންތިޒާމެއް ހަމަނުޖެހޭ ކަމަށާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު އަދި ނުލިބޭ ކަމަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ އޯޑިއޯތައް އަޑުއެހޭނެ އިންތިޒާމް ހަމަޖައްސަން ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށް ދިން ލެޕްޓޮޕުން މައްސަލަތަކެއް ފާހަގަވެ އަދި ވަކީލުންނާ އެކު ދައްކާ ވާހަކަތައް އަޑުއަހާފާނެ ކަމަށް ބެލެވޭ ކަމަށެވެ. ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ ލެޕްޓޮޕް ބަގް ކޮށްފައި ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ކޯޓަށް ގެނެސްގެން އޯޑިއޯ އަޑުއެހޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. ޔާމީނާއި ވަކީލުން އެދިވަޑައިގަތީ ޖަލަށް އަމިއްލަ ލެޕްޓޮޕް ގެންގޮސްގެން އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. ދައުލަތުން ވެސް އެދުނީ އެގޮތަށް އަމަލު ކުރުމަށެވެ. ގާޒީ ވިދާޅުވީ އެ ފުރުސަތު ދެއްވުމަށް ފަހު އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ.
ބޭއިންސާފް ހުކުމެއް ސަރިއަތް ގޭސް..........