ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކަތައް ހޯދުމަށް އެ ދެ ތަރިންގެ ސަޕޯޓަރުން އަބަދުވެސް ބޭނުންވެ އެވެ. އަދި އެ ދެ ތަރިން އުޅޭ ނޫޅޭ ގޮތް ބަލާހަދަ އެވެ.
ސަލްމާނާއި ޝާހްރުކް މީގެ ކުރިން އެކީގައި ފިލްމުތަކުން ފެނިގެން ގޮސްފައިވާއިރު، އަދިވެސް އެ ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ކަމުގެ އިންތިޒާރުގައި ސަޕޯޓަރުން ތިބެ އެވެ.
މިފަހަރު މީޑިއާގައި ތިލަވެގެން މިއުޅެނީ އެ ދެ ތަރިން އެކުގައި ފިލްމެއް ކުޅެއް އުޅޭ ވާހަކައެއް ނޫންނެވެ.
މުމްބާއިން ޝާހްރުކް ގަނެފައިވާ "މަންނަތު" ގެއާ ގުޅިގެން ދެކެވޭ ވާހަކައެކެވެ.
ސަލްމާނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "މަންނަތު" ގަތުމަށް އެންމެ ފުރަތަމަ ހުށަހެޅީ އޭނާ އަށެވެ. ސަލްމާން ބުނި ގޮތުގައި "މަންނަތު" ނުގަނެ ދޫކޮށްލީ އޭނާގެ ބައްޕަ ސަލީމް ޚާން ކުރި ސުވާލެއްގެ ސަބަބުން ކަމަށެވެ. ސަލްމާންގެ ބައްޕަ އޭނާ ކައިރީގައި ބުނެފައިވަނީ އެހާ ބޮޑު ގެއެއް ގަނެގެން އޭނާ ކުރާނީ ކޮން ކަމެއްތޯ އެވެ.
"މިހާރު އަހަރެން ޝާހު ކައިރީގައި އަހަން ބޭނުން އެހާ ބޮޑު ގެއެއްގައި ކުރަނީ ކީއްތޯ؟" ސަލްމާން ބުންޏެވެ.
މުމްބާއީގެ ބަންދްރާގައި ހުންނަ "މަންނަތަ"ކީ ޝާހްރުކް އާއި އޭނާގެ އަންހެނުން ގޯއުރީ ޚާންގެ އިތުރުން އެމީހުންގެ ތިން ދަރިން ދިރިއުޅެމުން އަންނަ ގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "މަންނަތަ"ގެ އަގަކީ 200 ކްރޯޑް ރުޕީސް (25 މިލިއަން ޑޮލަރު) އެވެ.
ބޮލީވުޑްގައި އެންމެ ގިނަ ދުވަސްވީ ފަންނާނުން ތެރޭގައި ސަލްމާން އާއި ޝާހްރުކް ހިމެނޭނެ އެވެ. އަދި އެއީ އެންމެ ކާމިޔާބު ދެ އެކްޓަރުންނެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ ދެމީހުން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި ވާހަކަ ނުދައްކާ ތިއްބެ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ދެ މީހުން ވެސް އަންނަނީ ގުޅުން ބަދަހި ކުރަމުންނެވެ.